ENGLISH

12 އޭޕްރީލު 2026

Advertisement

ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތާއި ގުޅޭ ގޮތުން އެޗްޑީސީއާ މަޝްވަރާ ކޮށްފި

12 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތާއި ގުޅޭ ގޮތުން އެޗްޑީސީއާ މަޝްވަރާ ކުރުން --

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރާއި ބައްދަލު ކުރައްވާ، ހުޅުމާލޭގައި ބިނާ ކުރުމަށް ތައްޔާރުވަމުންދާ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު އެޗްޑީސީގެ މައި އޮފީހުގައި ކުރިއަށް ގެންދެވުނު މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްވެރިންނާއި އެ ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފަ އެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގއާއި ޕާކިންވެސް ހިމެނޭހެންނެވެ. ވަޤުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށްކަމަށެވެ. އަދި ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް މިސްކިތުގައި ހިމެނޭނެ އެވެ.

މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެ ކަމަށާއި، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު