ENGLISH
12 އޭޕްރީލު 2026
ދެކުނު އޭޝިއާގެ ޔޫތު ޓީޓީ މުބާރާތުން ރާއްޖެ އަށް ހަތް މެޑަލް
12 އޭޕްރީލު 2026
|
ސައުތު އޭޝިއާ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި މެޑަލް ހާސިލްކުރި ރާއްޖޭގެ ޓީޓީ ޓީމުގެ މެންބަރުން. --ފޮޓޯ: ޓީޓީއޭއެމް
އެންމެ މަޤްބޫލު
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީޓީ ޓީމުން ހަތް މެޑަލްއާއެކު ފަޚުރުވެރި ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
މި މަހުގެ 8 އިން 11 ގެ ނިޔަލަށް އިންޑިއާގެ ޝިމްލާގައި ކުރިއަށްދާ މުބާރާތުގައި މުޅިއެކު ފަސް ޤައުމުން ވާދަކުރިއެވެ. އެއީ، ރާއްޖޭގެ އިތުރުން އިންޑިއާ، ނޭޕާލް، ސްރީ ލަންކާ އާއި ބަންގްލަދޭޝް އެވެ.
މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީމުން ވަނީ ތިން ރިހި މެޑެއްޔާއި ހަތަރު ލޯ މެޑަލް ހޯދާފައެވެ.
އެގޮތުން، ރާއްޖޭން ވަނީ 15 އާއި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ އިތުރުން 15 އަހަރުން ދަށުގެ އަންހެން ޓީމް އިވެންޓުން ވެސް ރިހި މެޑަލް ހާސިލްކޮށްފައެވެ.
ފަނަރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ރިހި މެޑަލް ހާސިލްކުރީ މުޙައްމަދު ޙަލަފް ރާފިޢުއާއި އައިޝަތު އަލްސާ ނާފިޒް އެވެ. މީގެއިތުރުން، ޙަލަފް ވަނީ ފާތިމަތު ދީމާ އަލީ އާއެކު 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ވެސް ރިހި މެޑަލް ހޯދާފައެވެ.
ރާއްޖޭން ދެން ރިހި މެޑަލް ހާސިލްކުރި 15 އަހަރުން ދަށުގެ އަންހެން ޓީމް އިވެންޓުގައި ވާދަކުރި ޓީމުގައި ހިމެނެނީ؛ އައިޝަތު މަލަކް ތަސީން، އައިޝަތު އަލްސާ ނާފިޒް އާއި ސާރާ މޫސާ ޖަމީލް އެވެ.
ރާއްޖޭގެ ޒުވާން ޓީޓީ ޓީމުން ލޯ މެޑަލް ހޯދާފައިވަނީ، 19 އަހަރުން ދަށުގެ ފިރިހެން ޓީމާއި އަންހެން ޓީމުގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިން ދީމާ، 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިން ދީމާ އާއި މިޝްކާ މުޙައްމަދު އިބްރާހިމް އެވެ.