ENGLISH
03 ޖޫން 2026
އާންމު މަޖިލީހުގެ އިއްތިފާޤުން މުހިންމު ދެ ކޮމިޓީއެއްގެ މުގައްރިރުގެ ނައިބުގެ މަޤާމަށް ރާއްޖެ
02 ޖޫން 2026
|
އދ އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، ޙުސައިން އަޛްހާން
އެންމެ މަޤްބޫލު
އދގެ އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ އިންތިޚާބު ވެއްޖެ އެވެ. އދގެ މައި މަރުކަޒުގައި މިއަދު ބޭއްވި އިންތިޚާބުގައި، މި މަގާމަށް ދިވެހިރާއްޖެ އިންތިޚާބު ވީ، އާންމު މަޖިލީހުގެ އިއްތިފާޤުންނެވެ.
އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާނީ ދިވެހިރާއްޖެ އިން އދ އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، ޙުސައިން އަޛްހާން މުޙައްމަދު ޙުސައިން އެވެ.
އދގެ އާންމު މަޖިލީހުގެ 81 ސެޝަންގައި، ކޮމިޓީގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުޤައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ދިވެހިރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެ އެވެ. އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ކުރިއަށް ދާނީ 2026 ސެޕްޓެމްބަރ އިން 2027 ސެޕްޓެމްބަރ އަށެވެ.
މި މަޤާމަށް ރާއްޖެއިން އިންތިޚާބުވުމުން ހާމަވެގެންދަނީ އދގައި ދިވެހިރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ބައިނަލްއަޤްވާމީ މުޖުތަމައުއިން ކުރާ އިތުބާރެއް ކަަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެ އެވެ. އަދި ދިވެހިރާއްޖެ މި މަގާމަށް އިންތިޚާބުވެފައި މިވަނީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ބައިނަލްއަޤްވާމީ މައިދާނުގައި ހިމާޔަތްކުރުމަށް ދިވެހިރާއްޖެ އިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އިގްތިސާދީ އަދި މާލީ ކޮމިޓީ ނުވަތަ "ސެކަންޑް ކޮމިޓީ" އަކީ އދގެ އާންމު މަޖިލީހުގައި ހިމެނޭ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީ އެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދެމެހެއްޓެނިވި ތަރައްޤީ އާއި އިޤްތިޞާދު ކުރިއެރުމާ ގުޅުންހުރި މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން އދގެ މަސައްކަތްތައް ބައްޓަން ކުރުމެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ބިއުރޯއަށް ލިބިގެންވާއިރު، އާންމުގޮތެއްގައި ކޮމިޓީގެ އެންމެހައި ކަންކަން ކުރިއަށް ދަނީ ބިއުރޯގެ އިރުޝާދާއި ލަފާގެ މަތިންނެވެ.