ENGLISH
12 އޭޕްރީލު 2026
ސިއްހަތާ ބެހޭ ވަޒީރާ ސުވާލުކުރުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް
12 އޭޕްރީލު 2026
|
20 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ؛ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމާ ސުވާލުކުރުން ހިމެނޭހެން މުހިންމު މަސައްކަތްތަކެއް މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެފަހުން ބާއްވާފައިވަނީ މިދިޔަ މާޗު މަހުގެ 8 ވަނަ ދުވަހު އެވެ.
އެހެންކަމުން މާދަމާ ބާއްވާނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ހަ ވަނަ ޖަލްސާ އެވެ.
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ މުހިންމު ކަަންކަމުގެ ތެރޭގައި ހިމެނެނީ:
* ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުޙައްމަދު ޢިބްރާހީމް، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ ނާތިމް އިބްރާހީމްއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލު؛
ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު އަދި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކުރެވިފައިވިޔަސް ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ދޭ ލޭގެ ޚިދުމަތާ ބެހޭ ޤައުމީ ނިޒާމު ޤާއިމުކޮށް، ތެލަސީމިއާ ކުދިންނަށް ލޭ ދޭނެ ފަރާތްތަކުގެ ގޮތުގައި އެކުދިން ސެންޓަރަށް ތަޢާރަފުކޮށްދޭ ފަރާތްތަކާއި، އެ ފަރާތްތަކުގެ ލޭގެ ތަފްސީލު ދަފްތަރެއް ޤާއިމު ނުކުރެވިގެން މިހާ ގިނަ ދުވަސް މިދަނީ ކީއްވެގެންތޯ؟ އަދި، ލޭ ހޯދުމާއި ދިނުމުގައި، މިހާރު މި ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ނުގެނެވިގެން މިއުޅެނީ ކީއްވެތޯ؟
* ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ޢިބްރާހީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު.
* ސަރުކާރުގެ ފަރާތުން ކުޅދުއްފުށި ދެކުނު ދާއިރާގެ މެންބަރު، ފަރުޙަތު މުޙައްމަދު ހުށަހަޅުއްވާފައިވާ، ވަތަނީ ޚިދުމަތުގެ ބިލުގެ ބަހުސް ކުރިއަށް ގެންދެވުން.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރު މަޖިލީހުގެ ޖަލްސާތައް ފެށީ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހެވެ. އޭގެ ފަހުން އެ މަހުގެ 10 ވަނަ ދުވަހާއި، 11 ވަނަ ދުވަހާއި، 17 ވަނަ ދުވަހާއި، މިދިޔަ މާޗު މަހުގެ 8 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވާފައި ވެއެވެ. އަދި ރަމަޟާން މަހުގެ ތެރޭގައި ވެސް ޖަލްސާއެއް ބާއްވާފައިވެއެވެ. ކޮމިޓީތަކުގެ ބައްދަލުވުންތައް އައީ ދޭތެރެދޭތެރެއިން ބާއްވަމުންނެވެ.