ENGLISH

12 އޭޕްރީލު 2026

Advertisement

ކައުންސިލް އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

12 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ކައުންސިލް އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލައިފައި

އަންނަ ހޮނިހިރު ދުވަހު ބާއްވާ  ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓާސް ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ. 

އިންތިހާބުގެ އިތުރު ބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ މީހުންގެ ލިސްޓު އާންމުކޮށް ފައިވާއިރު ސަރުކާރުގެ ގެޒެޓާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން މިހާރު ލިސްޓު ބަލާލެވޭނެ އެވެ. މީގެ އިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ވެސް ލިސްޓުގައި ނަން އޮތްކަން ޗެކްކުރެވޭނެ އެވެ.  

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 10:00 އިން މެންދުރު 12:00 ގެ ނިޔަލަށެވެ. ޝަކުވާ ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެކަމަށާއި އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ. 

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ، 2026 އެޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުގައި އިތުރު ބުރު ބާއްވާ ދާއިރާތަކުގެ ފައިނަލް ލިސްޓުގައިވާ ފަރާތްތަކާއި، 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވި ފަރާތްތައް އެކަނިކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ. 

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގައި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ކައުންސިލް ދެ ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތިން ގޮނޑިއަކަށް މީހުން އިންތިހާބުކުރުމަށެވެ.  

ކިޔުންތެރިންގެ ހިޔާލު