ENGLISH

12 އޭޕްރީލު 2026

Advertisement

އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަހަރު ދީނީ ކޮންޓެންޓް ބައިވެރިކުރަން ޙާއްޞަ ފުރުސަތެއް

12 އޭޕްރީލު 2026

|

ޢަލީ ޝަހީމް

މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން. މިއަހަރު ބާއްވާ މައުރަޒުގައި ދީނީ ކޮންޓެންޓް ހިމެނުމަށް ޚާއްޞަ ފުރުޞަތެއް ވަނީ ހުޅުވާލާފައި. ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގައި، ދީނީ ކޮންޓެންޓަށް ޚާއްޞަ ކެޓަގަރީއެއް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު ބާއްވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެމަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެންނެވެ. 

ބީސީސީއިން މިއަދު މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައި ބުނީ، މިއީ އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ދައްކާލުމަށް ހުޅުވާލެވުނު މުހިންމު ފުރުޞަތެއް ކަމަށެވެ. 

މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، ބައެއް ބަދަލުތަކާއެކު މައުރަޒުގެ އުޞޫލު މިހާރު ވަނީ ގެޒެޓުގައި ޝާއިޢުކޮށްފަ އެވެ. 

ބީސީސީއިން ބުނީ، މައުރަޒުގައި ދީނީ ކޮންޓެންޓް ހިމެނުމުގެ ފުރުސަތު ހުޅުވާލީ، އުފެއްދުންތެރި އަދި ތަޢުލީމީ ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ އުޞޫލުތައް ކުރިއެރުވުމާއި، ދީނީ ކަންކަމަށް ޚާއްޞަ ތަކެތި އުފެއްދުމުގައި، އައު ވިސްނުންތަކަށް ހިތްވަރުދިނުމަށް ކަމަށެވެ. 

މި ކެޓަގަރީގެ ދަށުން އިސްލާމްދީން ކުރިއެރުވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތައް ބައިވެރިކުރެވޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. 

ދީނީ ކޮންޓެންޓް ބައިވެރިކުރުމަށް ހުޅުވާލި ފުރުޞަތުގައި، އޯޑިއޯ އަދި ވީޑިއޯ ފޯމެޓުގައި ހުށަހެޅުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ. މީގެ ތެރޭގައި އިސްލާމީ ތީމްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީތަކާއި، ރިޕޯޓްތަކާއި، އަދި ދީނީ ރޫޙު އާލާކުރުމަށް ތައްޔާރުކޮށްފައިވާ މަލްޓިމީޑިއާ އުފެއްދުންތައް ހިމެނެއެވެ. މިފަދަ އުފެއްދުންތައް ހުންނަންވާނީ ކަނޑައެޅިފައިވާ ދީނީ އުޞޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށް ބީސީސީއިން ބުނެފައިވެއެވެ. 

މީގެ އިތުރުން، ކުޑަކުދިންނަށް ދީނީ ތަޢުލީމު އުގަންނައިދިނުމަށް ބޭނުންކުރާ ތަކެއްޗަށް ޚާއްޞަ ސަބް-ކެޓަގަރީއެއް ވެސް މިފަހަރު ހިމަނާފައިވެއެވެ. މީގެ ތެރޭގައި ތަފާތު ޢުމުރުފުރާގެ ކުދިންނާ ގުޅޭގޮތަށް، އެކުދިންގެ ވިސްނުމާއި އުނގެނުމުގެ ޤާބިލުކަމަށް ރިޢާޔަތްކޮށް ފަރުމާކޮށްފައިވާ ތަޢުލީމީ ވަސީލަތްތައް ހިމެނެއެވެ. މީގެ ބޭނުމަކީ އައު ޖީލުތަކަށް އިސްލާމީ ތަޢުލީމު ފޯރުކޮށްދިނުމުގައި ޝައުޤުވެރި އަދި ފަސޭހަ ގޮތްތަކެއް ތައާރަފްކުރުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

ދީނީ އުފެއްދުންތަކަށް ފުރުޞަތު ހުޅުވާލުމަކީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތާރީޚުގައި ގެނައި މުހިއްމު ބަދަލެކެވެ. 

މިއަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް www.expo.mv މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި މި ފުރުޞަތު ހުޅުވާލިއިރު، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ އުމްރާނީ ތަރައްޤީއާއި އިންސާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު