ENGLISH
12 އޭޕްރީލު 2026
މަޝްވަރާތައް ހުއްޓުމަކަށް: ދުނިޔޭގެ ކަޅި ޓްރަމްޕަށް
12 އޭޕްރީލު 2026
|
ރައީސް ޑޮނަލްޑް ޓްރަމްޕް
އެންމެ މަޤްބޫލު
އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނުނިކުމެ ހުއްޓުމަކަށް އައުމާ ގުޅިގެން، މި މައްސަލައިގައި ދެން އެމެރިކާއިން އަމަލުކުރާނެ ގޮތަކާމެދު މުޅި ދުނިޔޭގެ ނަޒަރު ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ހުއްޓިއްޖެ އެވެ.
މަޝްވަރާތައް މެދުކަނޑާލުމަށްފަހު، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ކުއްލި ގޮތަކަށް ޕާކިސްތާނުން ފުރާވަޑައިގަތަކީ މަޝްވަރާއަށް 21 ގަޑިއިރު ވީފަހުން ނެވެ. އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ކުރިން ބެލެވިފައި އޮތީ ޖީއެމްޓީ ގަޑިން މިއަދު ހެނދުނު 09:00 (ރާއްޖެ ގަޑިން 14:00) ހާއިރު މަޝްވަރާތައް އަލުން ފަށާނެ ކަމަށެވެ. ނަމަވެސް، ވެންސް ދެއްވި ނޫސްބަޔާނުގައި އެއްވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ވަނީ ވިދާޅުވެ ފައެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއް ފަހުން އޭނާ ވަނީ ޕާކިސްތާނުން ފުރާވަޑައިގެންފަ އެވެ.
މި މަޝްވަރާތައް ހުއްޓުމަކަށް އައި އެންމެ ބޮޑު ސަބަބަކީ، ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ބޭނުންނުވުމެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމެރިކާއިން ހުށަހެޅި ޝަރުތުތަކަކީ އީރާނަށް ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
މި ދަނޑިވަޅަކީ އިސްރާއީލުން ލުބުނާނުގެ ބައިރޫތަށް ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވަމުންދާ ދަނޑިވަޅެކެވެ. އިސްރާއީލުގެ މި އަމަލުތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެއްކަމަށް ބުނެ ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ މި އަމަލު ކުށްވެރިކުރަމުންނެވެ.
ހަނގުރާމައިގެ މަސްރަހު ދިރާސކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މިހާރު މި މައްސަލައިގައި ގޮތެއް ނިންމުން އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށެވެ. މަޝްވަރާތަކުގެ މުސްތަގުބަލާ މެދު ޑޮނަލްޑް ޓްރަމްޕް ވިދާޅުވާނެ ބަހަކަށް ދުނިޔެ މިހާރު އަންނަނީ އިންތިޒާރު ކުރަމުން ނެވެ.