ENGLISH
25 ޖޫން 2026
"އަގުމަގު" ޕޯޓަލް އަތޮޅުތެރެއަށް ފުޅާކޮށް، ޚާއްޞަ އެޕްލިކޭޝަނެއް ނެރެނީ
25 ޖޫން 2026
|
އެންމެ މަޤްބޫލު
އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ތަޢާރަފުކޮށްފައިވާ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް، މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގެ ފިހާރަތަކުގައި ތަކެތި ލިބެން ހުރި އަގުތައް ވެސް ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
"އަގުމަގު" އަކީ ބާޒާރުގައި އެންމެ އަގުހެޔޮކޮށް ކާބޯތަކެތި ލިބެންހުރި ފިހާރަތައް ރައްޔިތުންނަށް ފަސޭހައިން ދެނެގަނެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެކެވެ. މި ޕޯޓަލްގައި ހިމަނާފައިވަނީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. އަދި މި ޕޯޓަލްގައިވާ އަގުތަކަކީ އެ ވުޒާރާގެ އިންސްޕެކްޝަން ޓީމުތަކުން އަމަލީ ގޮތުން ފިހާރަތަކަށް ޒިޔާރަތްކޮށް އެއްކުރާ މަޢުލޫމާތެވެ.
އިޤުތިޞާދީ ވުޒާރާއިން ގެނެސްދޭ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލު ރިފާޢު ވިދާޅުވީ، މިހާރު މި ޕޯޓަލުން ފެންނަނީ ހަމައެކަނި މާލެ ސަރަޙައްދުގެ އަގުތައް ކަމަށެވެ. ނަމަވެސް، ޕީއޯއެސް ސިސްޓަމްތައް އިންޓަގްރޭޓް ކުރެވުމާއެކު، އަތޮޅުތެރޭގެ އެކި ރަށްރަށުގެ އައުޓްލެޓްތަކުގެ އަގުތައް ވެސް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޖުލައިމަސްތެރޭގައި މީގެ ބޮޑުބައެއް ނިންމައި، އަންނަ މަހުގެ ތެރޭގައި އަތޮޅުތެރޭގެ އަގުތައް ވެސް ޕޯޓަލްއިން ފެންނާނެ ގޮތް ހެދުމަށް،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންނަށް މި ޚިދުމަތް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން "އަގުމަގު" ގެ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން ރިފާޢު ހާމަކުރެއްވިއެވެ. މި އެޕްލިކޭޝަން ވެގެންދާނީ މިހާރު ވެބް ޕޯޓަލްއިން ލިބެން ނެތް ގިނަ ފީޗަރތަކަކާއެކު، ފިހާރަތަކުގެ އަގުތައް ވަރަށް ފަސޭހައިން އަޅާކިޔާލެވޭނެ އެޕަކަށެވެ.