ENGLISH

25 ޖޫން 2026

Advertisement

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ

25 ޖޫން 2026

|

އާމިނަތު ނުޒްލާ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، އަސާސީ ޚިދުމަތްތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އެގޮތުން ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތުގެ އިތުރުން، ފެން ހިންދާ ވަޅުތަކާއި ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ ހުރިހާ މަސައްކަތްތަކެއްގެ 100 އިންސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

މަގުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތްތައް ވެސް ބާރުމިނުގައި ކުރިއަށް ދާ ކަމަށާއި، އެގޮތުން، މަޝްރޫއުގެ ސެގްމަންޓް ފަހެއް އަދި ހަތަރެއްގެ މަސައްކަތްތައް ނިންމައި، މިހާރު ސެގްމަންޓް ތިނެއް އަދި ދޭއްގެ މަސައްކަތްތައް ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ، މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީތައް 1 ޖުލައި ގައި ސައިޓަށް ގެނައުމަށް މިހާރު ތާވަލުކުރެވިފައިވާ ކަމަށެވެ. މި މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން، ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ކާނިވަލް ޕާކިންގް ޒޯނާ ހަމައަށް މަގުގެ އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރެވޭނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައި މިހާތަނަށް ވަނީ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައެވެ. އެއީ، ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަޙައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަޙައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމުން ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގައެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު