ENGLISH

12 އޭޕްރީލު 2026

Advertisement

މެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި

12 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ސިނާން . އޭނާގެ ގޮނޑި ގެއްލުނުކަމަށް ވަނީ ކަނޑައަޅާފައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސްޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. 

ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ޣާލިބް ސަލީމް ކިޔާ މީހަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް 3.8 މިލިއަން ރުފިޔާ ދައްކަން މިދިިޔަ އަހަރުގެ އޮކްޓޫބަރު މަހު ސ. ހިތަދޫ ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ.

މި މައްސަލަ ރައްދުވާ ދެ މީހުންނަކީ ސިނާނުގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމުގެ މައްޗަށެވެ.

މި ތިން މީހުންނާ ދެކޮޅަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެމްއައިބީން ކުރި ދައުވާ ނިމުނީ އެމްއައިބީ ކޮޅަށެވެ.

ކޯޓުން ވަނީ ނުދެއްކި ހުރި ލޯނު ދެއްކުމާއި ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި އެމްއައިބީއަށް ދެއްކުމަށް ހުކުމް ކޮށްފަ އެވެ.

ގާލިބް ސަލީމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާ ދިނުމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.

މި މައްސަލައިގެ ހުކުމްގައި ޝުޖޫންގެ ރައުޔުގައި ފާހަގަކުރެއްވި މައިގަނޑު ކަންކަމަކީ:

ހިތަދޫ ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއްކަމަށް ކަނޑައަޅަން ސިނާންގެ ފަރާތުން ހުށަހަޅައިފައިނުވާތީ، އެއީ ޣައިރު ހާޒިރުގައި ކުރި ހުކުމެއްކަމަށް ބުނެ ސިނާންގެ ފަރާތުން ދައްކަވާ ވާހަކަ ބަލައިނުގަނެވޭކަން.ސިނާނުގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާކަން.ހުކުމާ އެއްގޮތަށް ގަވައިދުން ސިނާން ދަރަންޏަށް ފައިސާ ދެއްކެވި ކަމަށް ދެކެވަޑައިނުގަންނަވާކަން.

ޝުޖޫންގެ ރައުޔަށް ދެން ތިބި ފަނޑިޔާރުން ތާއީދުކުރައްވާފައި ވެއެވެ. އެއާއެކު އިއްވި ހުކުމުގައި ބުނެފައިވަނީ ދަރަނީގެ މައްސަލައެއް ސާބިތުވެ ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށެވެ. 

މިއީ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު