ENGLISH

12 އޭޕްރީލު 2026

Advertisement

ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

12 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އާޝާ ބޯސްލޭ

ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އުމުރުން 92 އަހަރުގައި މިއަދު މަރުވެއްޖެ އެވެ. 

އިންޑިއާގެ މިއުޒިކީ ހަޔާތުގައި އުފެދުނު އެންމެ ނުފޫޒު ގަދަ އަދި އެންމެ ވަރުގަދަ އެއް އަޑުގެ ވެރިޔާ މަރުވީ ހިތުގެ މައްސަލަތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. 

އާޝާ ބޯސްލޭ މަރުވިކަން އިއުލާނުކޮށް އޭނާގެ މާމަ ދަރިފުޅު ޒަނާއީ ބޯސްލޭ ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އާޝާ އެޑްމިޓުކުރީ ވަރުބަލިވެ، މޭގެ އިންފެކްޝަނެއް އުފެދުމުގެ ސަބަބުން ކަމަށެވެ. 

އާޝާ އެންމެ ފުރަތަމަ ފިލްމީ ލަވައެއް ކިޔާފައިވަނީ އުމުރުން އެންމެ 10 އަހަރުގަ އެވެ. އެއީ 1943 ވަނަ އަހަރު ނުކުތް މަރާޓީ ފިލްމު "މާޖާ ބާލް" އަށް ކިޔައިދިން "ޗަލާ ޗަލާ ނަވް ބާލާ" އެވެ. ނަވާރަ ސަތޭކަ ސާޅީހުގެ ފަހުކޮޅުން ފެށިގެން 1950 ގެ ކުރީކޮޅާ ހަމައަށް، ހިންދީ ފިލްމު އިންޑަސްޓްރީގައި އަންހެން ލީޑް ރޯލުތަކަށާއި ބޮޑެތި ފިލްމުތަކަށް ލަވަ ކިޔައިދިނުމުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވަނީ ގީތާ ދަތު، ޝަމްޝާދު ބޭގަމް އަދި އާޝާ ބޯސްލޭގެ އެއްބަނޑު އެއްބަފާ ދައްތަ ލަތާ މަންގޭޝްކަރެވެ. ނަމަވެސް، 1950 ގެ އަހަރުތަކުގައި އާޝާ ބޯސްލޭ ވަނީ އެ ލަވަކިޔުންތެރިންނަށްވުރެ ގިނަ އަދަދަކަށް ހިންދީ ފިލްމުތަކަށް ލަވަކިޔައިދީފަ އެވެ. އޭގެ ތެރެއިން ގިނަ ލަވަތަކަކީ ބަޖެޓް ކުޑަ ފިލްމުތަކަށް ކިޔައިދީފައިވާ ލަވަތަކެކެވެ.

އާޝާއަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ތަރުހީބެއް ލިބިގެންދިޔައީ 1952 ވަނަ އަހަރު ސައްޖާދު ޙުސައިންގެ މިއުޒިކަށް "ސަންގްދިލް" ފިލްމަށް ކިޔައިދިން ލަވަތަކުން ނެވެ. ހަމަ އެ އަހަރު އޯ.ޕީ. ނައްޔަރުގެ މިއުޒިކަށް ތައްޔާރުކުރި "ޗަމް ޗަމާ ޗަމް"ފިލްމުގެ 11 ލަވައިގެ ތެރެއިން 10 ލަވަ ކިޔުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މަޝްހޫރު ޑައިރެކްޓަރު ބިމާލް ރޯއި 1953 ވަނަ އަހަރު "ޕަރިނީތާ" ފިލްމުން އާޝާއަށް ފުރުސަތު ދިނެވެ. އަދި 1954 ވަނަ އަހަރު ނުކުތް "ބޫޓް ޕޮލިޝް" ފިލްމުގެ ހުރިހާ ލަވައެއް ކިޔުމަށް ރާޖް ކަޕޫރު އާޝާއާ ހަވާލުކުރި އެވެ. މި ފިލްމަކީ އޭނާގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔަ ފިލްމެކެވެ.

އޯ.ޕީ. ނައްޔަރުގެ އިރުޝާދުގެ ދަށުން 1952 އާއި 1956 އާ ދެމެދު އާޝާ ބޯސްލޭ ގިނަ ލަވަތަކެއް ކިޔާފައި ވެއެވެ. މަޝްހޫރު މިއުޒިކް ކޮމްޕޯޒަރ އާރް.ޑީ ބާމަންއާއެކު އާޝާ ކުރި މަސައްކަތްތަކަކީ ހިންދީ ސިނަމާގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭ ފަދަ މަސައްކަތްތަކެކެވެ. އޭނާ ވަނީ އެ ޒަމާނުގައި ހިންދީ ފިލްމް އިންޑަސްޓްރީގައި މަޝްހޫރު ފިރިހެން ލަވަކިޔުންތެރިންނާ އެކު މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި މުހައްމަދު ރަފީއާއި ކިޝޯރު ކުމާރު ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ. 

އާޝާގެ ދިގު މިއުޒިކީ ކެރިއަރުގައި މިހާތަނަށް 12،000 އަށް ވުރެ ގިނަ ލަވަ އޭނާ ވަނީ ރެކޯޑުކޮށްފަ އެވެ. އަދި 1981 ވަނަ އަހަރު "އުމްރާއޯ ޖާން" ފިލްމަށް ކިޔައިދިން ޣަޒަލްތަކާއެކު އާޝާގެ ފަންނުވެރިކަމުގެ އައު މިސްރާބެއް ފެނިގެންދިޔަ އެވެ. މި ފިލްމުގެ ލަވަތަކުން އޭނާއަށް ފުރަތަމަ ފަހަރަށް ނޭޝަނަލް ފިލްމު އެވޯޑް ލިބުނެވެ. އޭގެ ފަހުން 1987 ވަނަ އަހަރު "އިޖާޒަތު" ފިލްމުގެ "މޭރާ ކުޗް ސާމާން" ލަވައިން ދެވަނަ ނޭޝަނަލް އެވޯޑް ކާމިޔާބުކުރި އެވެ.

މިއުޒިކީ ދާއިރާއަށް އޭނާ ކޮށްދެއްވި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފުތައް ކަމުގައިވާ 'ދާދާ ސާހިބު ޕާލްކޭ އެވޯޑް' އާއި 'ޕަދްމާ ވިބޫޝަން' ގެ އިތުރުން ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އެތައް އެވޯޑްތަކެއް އޭނާއަށް ވަނީ ލިބިފަ އެވެ. ލަވަކިޔުމުގެ އިތުރުން، 2012 ވަނަ އަހަރު "ސުރް ކްޝޭތުރާ" ޝޯގެ ފަނޑިޔާރުކަން އާޝާ ކޮށްފައި ވެއެވެ. އަދި އުމުރުން 79 އަހަރުގައި 2013 ވަނަ އަހަރު "މާއީ" ނަމަކަށް ކިޔާ ފިލްމަކުން އެކްޓަރެއްގެ ގޮތުގައި އޭނާ ފެނިގެންދިޔައެވެ. މި ފިލްމުގައި އޭނާ އަދާކޮށްފައިވަނީ އަލްޒައިމާ ބަލި ތަހައްމަލުކުރާ މަންމައެއްގެ ރޯލެވެ.

މިހާތަނަށް އިންޑިއާގައި އުފެދުނު އެންމެ މަގުބޫލު ލަވަކިޔުންތެރިންގެތެރޭ ހިމެނޭ އާޝާ ބޯސްލޭ އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ލެޖެންޑަރީ ލަވަކިޔުންތެރިއެކެވެ.

އާޝާ މަރުވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނާނުންނާއި އޭނާގެ ފޭނުން ދަނީ ތައުޒިޔާ ކިޔަމުންނެވެ. އޭނާގެ ތަފާތު، އަސަރުގަދަ އަޑަކީ އެތައް ޖީލަކަށް ދެމިގެންދާނެ މިއުޒިކީ ތަރިކައެއްކަމަށް އޭނާގެ ފޭނުން އަންނަނީ ބުނަމުންނެވެ. 

އާޝާއަކީ އިންޑިއާގެ ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރުގެ ކޮއްކޮ އެވެ. މީގެ ހަތަރު އަހަރު ކުރިން ލަތާ ވަނީ މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު