ENGLISH

21 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގެ ފައިނަލުން ބަލިވުމުން އިންތިހާއަށް ހިތާމަކުރަން: މެސީ

21 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގެ ފައިނަލް މެޗަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވުމުން އިންތިހާއަށް ހިތާމަކުރާ ކަމަށް ލިއޮނެލް މެސީ ބުނެފިއެވެ. އެކަމަކު ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ފައިނަލާ ހަމައަށް ޓީމު ދަތުރުކުރުމުން އެކަމަށް އޭނާ ތާރީފުކޮށް، ޤައުމީ ޓީމާއެކު ސަޕޯޓަރުން ދެއްކި އެއްބައިވަންތަކަމަށް ޝުކުރު އަދާކުރިއެވެ.

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ފެރާން ޓޮރޭޒް ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވިއިރު، މީގެ ސަބަބުން 2022 ވަނަ އަހަރުގެ ޗެމްޕިއަން އާޖެންޓީނާއަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ހޯދުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

މި ނަތީޖާއާއެކު 1962 ވަނަ އަހަރު ބްރެޒިލުން ހޯދި ކާމިޔާބީއަށްފަހު، ވޯލްޑް ކަޕުގެ ތަށި ދިފާއުކުރި ފުރަތަމަ ޓީމަށް ވުމަށް އާޖެންޓީނާ ކުރަމުން އައި އުއްމީދުތަކަށް ވަނީ ނިމުން އައިސްފައެވެ.

"ލިބުނު ހިތާމަ ވަރަށް ބޮޑު، އަދި މި ހިތްދަތިކަމުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނަގާނެ،" ސޯޝަލް މީޑިއާގައި މެސީ ލިޔެފައިވެއެވެ. "އެހެންނަމަވެސް، ހާސިލުކުރެވުނު ރީތި ހަނދާންތަކުގައި އަހަރެން ހިފަހައްޓާނަން. މުޅި ޤައުމުން ދިން އެއްބާރުލުމާއި، މި ޓީމުގެ ބުރަ މަސައްކަތުން އަނެއްކާވެސް ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި އަހަރެމެންނަށް ހިމެނިއްޖެ."

އުމުރުން 39 އަހަރުގެ މެސީ ސްޕެއިނަށް މަރުހަބާ ކިޔަމުން ބުނީ، ޖެހިޖެހިގެން ދެ ފަހަރު ފައިނަލަށް ދެވުމަކީ އާޖެންޓީނާ ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. މީގެ އިތުރުން އޭނާއަކީ ބްރެޒިލްގެ ކަފޫއަށްފަހު، ވޯލްޑް ކަޕުގެ ތިން ފައިނަލެއްގައި (2014، 2022 އަދި 2026) ކުޅުނު ދެވަނަ ކުޅުންތެރިޔާއެވެ.

އެމެރިކާގެ އިންޓަރ މަޔާމީއަށް ކުޅެމުން އަންނަ މެސީ އަކީ އާޖެންޓީނާގެ ތާރީޚުގައިވެސް އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2022 ގެ ވޯލްޑް ކަޕާއި، 2021 އަދި 2024 ގެ ކޮޕާ އެމެރިކާގެ އިތުރުން 2022 ގެ ފައިނަލިސިމާ ކާމިޔާބުކުރުމުގައި ޓީމަށް އިސްކޮށް މަސައްކަތްކޮށްދީފައެވެ. އަދި އޭނާއަކީ 8 ފަހަރު ބެލޮންޑޯ އެވޯޑު ހޯދާފައިވާ، ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.

"އަނެއްކާވެސް، މުޅި ޤައުމު އެކަތިގަނޑަކަށްވެ، އާޖެންޓީނާ މީހަކަށް ވީތީ ކުރެވޭ ފަޚުރުވެރި އިހުސާސްތައް އެންމެން އެކުގައި ހިއްސާކޮށްފިން،" މެސީ އިތުރަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު