ENGLISH

12 އޭޕްރީލު 2026

Advertisement

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކަށް އަވަސް ހައްލެއް ހޯދައިދެނީ

12 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ވުޒާރާގެ ވަފުދު ފީއަލީ ކައުންސިލާ ބައްދަލުކުރުން.

ފ. ފީއަލީ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގައި މިފްކޯ އިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބެލުމަށް ވުޒާރާގެ ޓީމެއް އެރަށަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

ވުޒާރާއިން ބުނީ ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އައިސްޕްލާންޓުގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައި ވާކަމަށެވެ.  ބައެއް އެހެން އުޅަންދުތަކަށްވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައިވާކަން ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.  މި އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންކަން މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެ އެވެ. 

ފީއަލީ އައިސް ޕްލާންޓްގައި އަލިފާން ރޯވެފައިވަނީ އެތަނާ ކައިރީ އޮންނަ ތެޔޮ ޖެޓީގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އަލިފާންގަނޑު ފެތުރިގެން ނެވެ. މި ހާދިސާގައި އިތުރު ތިން ދޯންޏަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

ފީއަލީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓަކީ 25 މެޓްރިކް ޓަނުގެ އައިސްޕްލާންޓެވެ. މިއީ ފެނަކައިން މިފްކޯއާ ޖޫން، 2025 ގައި ހާވާލު ކުރުމުން ސެޕްޓެމްބަރ 1، 2025 އިން ފެށިގެން އޮޕަރޭޝަނަށް ގެނެސް، ހިދުމަތް ދެމުން އަންނަ އައިސް ޕްލާންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު