ENGLISH

09 އޭޕްރީލު 2026

Advertisement

ހަނގުރާމަ ހުއްޓާލަން އެއްބަސްވުމުން ރާއްޖޭން މަރުޙަބާ ކިޔައިފި

09 އޭޕްރީލު 2026

|

ޢަލީ ޝަހީމް

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލަން އެއްބަސްވުމުން އެކަމަށް ރާއްޖޭން މަރުޙަބާ ކިޔައިފިއެވެ. 

އެމެރިކާ އާއި އީރާނުން މިހާރު ވަނީ ހަނގުރާމަ ހުއްޓާލަން ވަގުތީ އެއްބަސްވުމަކަށް އައިސްފައެވެ. މި ނިންމުމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ރޭ ވަނީ މަރުޙަބާ ކިޔައި ބަޔާނެއް ނެރެފައެވެ. 

ޚާރިޖީ ވުޒާރާއިން އާއްމުކުރި ބަޔާނުގައި ބުނީ، ދެޤައުމު އެއްބަސްވެގެން ވަގުތީގޮތުން ހަނގުރާމަ ހުއްޓާލަން ނިންމުމުން މަރުޙަބާ ކިޔާކަމަށާއި، އެއީ މަޝްވަރާއަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. 

ރާއްޖޭގެ ބަޔާނުގައި ބުނީ، އުއްމީދަކީ އެމެރިކާއާއި އީރާނާ ދެމެދު އޮތް މައްސަލައަށް ދާއިމީ ޙައްލެއް ލިބުމުން ކަމަށެވެ. އަދި، ހަނގުރާމަ ހުއްޓާލަން އެދުނު ޕާކިސްތާނުގެ އިތުރުން އެހެން ޤައުމުތަކުން ކުރި މަސައްކަތް ރާއްޖޭން ވަނީ ފާހަގަކޮށްފައެވެ. 

ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އާއްމުންގެ ރައްކާތެރިކަމުގެ މުހިއްމުކަން ދަމަހައްޓައި، ކަނޑުދަތުރުފަތުރުގެ މިނިވަންކަން އޮތުން މުހިއްމުކަމަށް ބުނެފައެވެ. 

ސަރަޙައްދަށް ސުލްޙައާއި ހަމަޖެހުން ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރާ މަސައްކަތްތަކަށް ތާއީދުކުރާ ކަމަށް ވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ. 

އެމެރިކާއާއި އީރާނާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށީ ފެބްރުވަރީ 28 ވަނަ ދުވަހުއެވެ. މެދުކެނޑުމެއް ނެތި ހަމަލާތައް ބަދަލުކުރާތާ މަހަކަށްވުރެ ދުވަސްވީއިރު ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ހަނގުރާމަ ހުއްޓާލަން އެއްބަސްވިއިރު، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، "ހޯރްމޫޒް" ކަނޑުއޮޅީގެ މަގުން ދެ ހަފްތާގެ މުއްދަތަށް އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ކަމަށެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މަގެކެވެ. އެ މަގު ބަންދުކުރީ ހަނގުރާމަ ފެށުނު ފެބްރުވަރީ 28 ވަނަ ދުވަހެވެ. 

ހަނގުރާމަ ހުއްޓާލިކަން އިއުލާނުކުރުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ ދަށަށްދާން ފަށައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު