ENGLISH

09 އޭޕްރީލު 2026

Advertisement

ސީލައިފް ޚިޔާނާތް: އަންމަޓީގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވި މައްސަލަ އިސްތިއުނާފު ކުރަނީ

09 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

އަޙްމަދު މޫސާ މުޙައްމަދު

މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުނުވާ ކަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރަން ގަސްތުކުރާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، ހައުސިންގ ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތް ތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާ އެއް އުފުލާފައިވާ ކަމަށެވެ.

މި މައްސަލައިގެ ޝަރީޢަތް ހިންގުމަށްފަހު، ދަޢުވާތައް ސާބިތުނުވާ ކަމަށް މިއަދު، ވަނީ ނިންމާފަ އެވެ.

ދަޢުވާތައް ސާބިތުނުވާކަމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއް ކަމަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުމެވެ.  

މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއް ކަމަށް ޕީޖީ އޮފީހުން ދެކޭ ކަމަށްވެސް ބުންޏެވެ.

މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެ އްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމާ ނުލައި އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅު ނޫން މާނަކުރުމެއް ދީގެން ކަމަށް ދެކޭ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އެހެންކަމުން، މި ދަޢުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެ އޮފީހުން ޤަޞްދުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު