ENGLISH
09 އޭޕްރީލު 2026
ނަޝީދު ބަތްޕެންގަނޑެއް ކެއްކީ، އެއީ ސުލްހަ އިސްކުރާނެ މީހެއް ނޫން: އެމްޑީޕީގެ އެއް ފައުންޑާ އިލްޔާސް
09 އޭޕްރީލު 2026
|
ނަޝީދު އަދި އިލްޔާސް --
އެންމެ މަޤްބޫލު
އެމްޑީޕީގެ ބާރުވެރިކަން ހޯދަން މިހާރު ކުރެވެމުންދާ އެތެރޭގެ ހަނގުރާމާގައި ސުލްހައިގެ މަގު ޚިޔާރުކުރާނެ ބޭފުޅަކަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީގެ އެއް ފަައުންޑާ އިލްޔާސް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އިލްޔާސް އަކީ އެމްޑީޕީ އުފެއްދުމުގެ އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ފުރަތަމަ ސޮއިކުރި 42 މެންބަރުންގެ ތެރޭގައި ހިމެނެ އެވެ. އަދި އޭނާ އަކީ އެ ޕާޓީގެ ފުރަތަމަ ރަޖިސްޓަރ އެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހެދި ކަމަށް އެ ޕާޓީގެ މިހާރުގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވާ ވީޑިއޯއަކާއެކު އިލްޔާސް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެކަމުން ވެސް ރައީސް ނަޝީދަކީ ގޮތް ދޫކުރުން އިސްކުރުން ނެތް ބޭފުޅެއްކަން އެނގޭ ކަމަށެވެ. އަދި މިހާރު އުފެދިފައިވާ ޚިޔާލުތަފާތުވުމަކީ ނަޝީދު "އަމިއްްލައަށް ބަތްޕެންގަނޑެއް ކެއްކުމުން" އުފެދުނު ކަމެއް ކަމުގައި ވިދާޅުވި އެވެ.
"އިބުރަތް ލިބިގަނެ ތިންވަނަ ފަހަރަށް އެމްޑީޕީ އޭނާގެ އުނގަށްލިޔަ ނުދޭށޭވެ. އަނިޔާދިން ދެފަހަރު މަތިން ހަނދާން ކުރޭ," އިލްޔާސްގެ ޕޯސްޓްގައިވެ އެވެ.
ކުރީގެ ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިންއާ އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ގެ ބޭބެ އިލްޔާސް ވިދާޅުވި ގޮތުގައި ނަޝީދުގެ ހެޔޮ ނިޔަތެއް އޮތްނަމަ އުފާފާޅުކުރުމުގެ ޖަލްސާގައި އެމަނިކުފާނަށް ޚާއްސަކުރި ގޮނޑި ފުރައިދިނީހެވެ. ނަޝީދަކީ ސުލްހައަށް ވުރެ އަމިއްލަ މުރަނަގޮތްގަނޑު އިސްކުރާނެ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ވެރިކަން ކުރާނެ ސިކުނޑިއެއްގެ އަހުވެރިކަމެއް މިހާރަކު ނަޝީދުގެ ނެތް ކަމަށެވެ.
"-- ނަޝީދަކީ -- ޕާޓީއެއް ހިންގާއި ގައުމުގެ ހުންގާނު ހިފާނެ ކުޑަވެސް ގާބިލުކަމެއް މިހާރަކު ނެތް މީހެއް. އެމްޑީޕީ މީނާގެ ފަސްބައިން ސަލާމަތްވޭ," އިލްޔާސްގެ ޕޯސްޓްގައިވެ އެވެ.