ENGLISH

09 އޭޕްރީލު 2026

Advertisement

ރައީސް ވަހީދުގެ ފުރިހަމަ ތާއީދު އޮތީ ރައީސް މުޢިއްޒުއާ ޕީއެންސީއަށް: ކުރީގެ ޕޮލިޓިކަލް އެޑްވައިޒަރު

09 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު --

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ފުރިހަމަ ތާއީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް އެބަ އޮތް ކަމަށާ އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ ކޮންގްރެސް ޕާޓީއަށް ކަމަށް ރައީސް ވަހީދުގެ ކުރީގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި އެމަނިކުފާނުގެ ގާތް އެކުވެރިޔާ އަހްމަދު ތައުފީޤު (ޓޯޕީ) ވިދާޅުވެއްޖެ އެވެ.

ތައުފީޤު މިހެން ވިދާޅުވީ ރައީސް ވަހީދުގެ ތާއީދު އޮތީ އެހެން ސިޔާސީ ލީޑަރަކަށް ކަމަށާ ޕީއެންސީއަށް އެމަނިކުފާނުގެ އެއްވެސް ތާއީދެއް ނެތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ތައުފީޤު ވިދާޅުވީ ރައީސް ވަހީދަކީ އޭނާ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށެވެ. އެ މަނިކުފާނަކީ މި ޤައުމު ސުންނާފަތި ވެގެން ދަނިކޮށް ޤައުމު ސަލާމަތް ކުރެއްވި ވަރުގަދަ ޤައުމީ ބަތަލެއް ކަމުގައި ސިފަކުރައްވާ ވަހީދަކީ އެމްޑީޕީގެ ނުލަފާ ވަކިތަކުން ޤައުމު ސަލާމަތް ކޮށް އަމާން އައްސޭރިއަކަށް ގެންގޮސް ދެއްވި ލީޑަރު ކަމުގައި ވިދާޅުވި އެވެ.

"އެމްޑީޕީ އިން އެމަނިކުފާނަށް އޮންނަ ރުޅިވެރި ކަމާއި ފުރައްސާރައިގެ އަސްލަކީ މި. އެމްޑީޕީ އަށް މި ރާއްޖޭގެ ވެރިކަމަށް އާދެވުނީ ވެސް އެމަނިކުފާނުގެ ފަސްބައި ގައި އެލިގަނެގެން. އެމަނިކުފާނު ރަނިންގް މޭޓް އަކަށް ނަގައިގެން. ވެރިކަމަށް އާދެވުމުން އެކަންވެސް އެމީހުން ހަނދާން ނައްތާލި. ފުރައްސާރަ ކުރަން ފެށި. ﷲ އިރާދަ ކުރެއްވީ އެމްޑީޕީ އަތުން ވެރިކަން ގެއްލުމުން އެމަނިކުފާނަށް ގައުމުގެ އެންމެމަތީ ވެރިކަން އިރާދަކުރެއްވުން. މިއީ މިގައުމަށް ﷲ މިންވަރު ކުރެއްވި ހެޔޮ ބަދަލެއް," ތައުފީޤު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެމްޑީޕީ ގައި ރައީސް ވަހީދު އާއި ފައިހަމަކޮށްލެވޭ ބޭފުޅަކު ނެތް ކަން މުޅި ގައުމު ދަންނާނެ ކަމަށެވެ. ރައީސް ވަހީދު އާއި ވަރަށް ގިނަ ވާހަކަ ދެއްކެވޭކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެ ގޮތުން އެނގިވަޑައިގެން އެއް ކަމަކީ ރައީސް ވަހީދު ރައީސް ކަމަށް ތާއީދު ކުރައްވާ ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއުޒް ކަންކަމުގައި ވިދާޅުވި އެވެ.

"އެއީ އެމަނިކުފާނު {ރައީސް ވަހީދު} ގަބޫލު ކުރައްވާ ފެންވަރާއި ކުޅަދާނަކަން އެމަނިފާނުގެ {ރައީސް މުޢިއްޒު}ކިބައިގައި ހުރުމުން. މިގައުމު އަނެއްކާވެސް ޚަރާބުގެ މިސްރާބަށް ދާކަށް އެމަނިކުފާނު އެދިވަޑައެއް ނުގަންނަވާ. ސިޔާސީ ޕާޓީ ތަކުގެ ތެރެއިން އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ ޕީއެންސީއަށް," ތައުފީޤު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު