ENGLISH

09 އޭޕްރީލު 2026

Advertisement

ކެމްޕެއިނަށް ނުދާނެ ކަމަށް ނަޝީދު ބުނި، ފަހުން ނިކުތީ ކްރައުޑް ފެނުމުން: ޣަފޫރު

09 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ނަޝީދު އަދި ޣަފޫރު --

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހެދި ކަމަށް އެ ޕާޓީގެ މިހާރުގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އަލުން ބައިބައިވުން އުފެދި ނަޝީދުގެ ފެކްޝަނާއި ސޯލިހްގެ ފެކްޝަންގެ އަރައިރުން ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ހޮނިހިރު ދުވަހު އޮތް އިންތިޚާބުން އެމްޑީޕީއަށް ކާމިޔާބު ލިބުނީ ނަޝީދުގެ ސަބަބުން ކަމަށް އޭނާގެ ފެކްޝަނުން ދެކެ އެވެ. އެހެން ނަމަ އެވަރުގެ ތާއީދެއް ނުލިބޭނެ ކަމަށް ބުނެ އެވެ.

ނަމަވެސް ޣަފޫރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ޣަފޫރު ވިދާޅުވީ ޕާޓީގެ ލީޑަރޝިޕާއެކު ސިޓީތަކަށް ކެމްޕެއިނަށް ދާން އެދުމުން އެކަމަށް ނަޝީދު ދެކޮޅު ހެދި ކަމަށެވެ.

"ކެމްޕެއިން ކޮމެޓީ ފަރާތުން ރާއްޖޭގެ ބޮޑެތި ސިޓީތަކަށް ދާން ރައީސް ނަޝީދަށް ދައުވަތު ދީފައި ހުރިހާ ލީޑަރުން އެއްކޮށްދާން ޕްރަގްރާމް ހަދާފައި ދިނީ. ރައީސް އަޅުގަނޑުމެންނާއެކު ނުވަޑައިގެންނެވި {ވަޑައިނުގެންނެވި}. ނުދާނަމޭ ބުނެފައި ނުދިޔަައީ," ޣަފޫރު ވިދާޅުވި އެވެ.

އަދި އޭނާ ވަނީ އެމްޑީޕީގެ ކެމްޕެއިނަށް ނަޝީދު ފަހުން ނިކުތް ސަބަބުވެސް ވިދާޅުވެފަ އެވެ. ޣަފޫރު ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕުން ކެމްޕެއިނަށް ދިއުމުން މަންޒަރު ބަދަލުވެފައިވާތާ ނަޝީދަށް ފެނުނު ކަމަށެވެ. ޚާއްސަކޮށް އައްޑޫން ގިނަ ބަޔަކު ނިކުމެ އޮތް މަންޒަރު ފެނުމުން ކެމްޕެއިނަށް ނަޝީދު ނިކުންނެވި ކަމަށެވެ.

"އަޅުގަނޑުމެން އައްޑުއަށް ގޮސް އައި ފަހުން އެތަނުގައި އޮތް ކްރައުޑް {މީހުން} ފެނިގެން ރައީސް ނަޝީދު އެޖަލްސާތަކަށް ފަހުން ދިޔައީ. އެއީ މިއަދުގެ ހަޤީޤަތް,"

ޣަފޫރު ވިދާޅުވީ މާލޭގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ނަޝީދު ކެމްޕެއިން ނުކޮށްދިން ކަމަށެވެ. މޭޔަރަށް ވެސް އަދި މާލޭން އިންތިޚާބުވި މެންބަރުންނާއެކު ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދަން އެ ކެންޑިޑޭޓުން ނަޝީދު އަރިހު އާދޭސް ކުރި ކަމަށް ވިދާޅުވި އެވެ.

"މާލޭގެ މޭޔަރު ކަމާއި މާލޭގެ ގޮނޑިތަކަށް ހޮވުނު ކުދީން {އެމްޑީޕީގެ މެންބަރުން} އާދޭސްކުރި ތިމަންނާމެންނާ އެއްކޮށް ރައީސް ނަޝީދު ވަޑައިގަންނަވާށޭ ގޭގެއަށް ދާން. ނުދިޔަ," ނަޝީދަށް ތުހުމަތު ކުރައްވާ ޣަފޫރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު