ENGLISH
29 މާރިޗު 2026
ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކުން، ޒުވާނުންގެ ބާރުވެރިކަމާއި ބައިވެރިވުމަށް ދޮރުތައް ހުޅުވިގެންދާނެ: ރައީސް
29 މާރިޗު 2026
|
ސަންގު ޓީވީން ގެނެސްދިން "އެސްޕްރެސޯ ވިތު ޔޫތު" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކުން، ޒުވާނުންގެ ބާރުވެރިކަމާއި ބައިވެރިވުމަށް ދޮރުތައް ހުޅުވިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ ޕްރޮގްރާމް "އެސްޕްރެސޯ ވިތު ރައީސް" ހަރަކާތުގައި މިރޭ ޒުވާނުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވަޑައިގެންނެވި ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ޒުވާނުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން، ޒުވާނުން ބާރުވެރިކޮށްގެން، ޒުވާނުންގެ އެއްބާރުލުމާއި ބައިވެރިވުމާއެކު ޤައުމު ކުރިއަށްގެންދަވަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކުން، މި ބާރުވެރިކަމާއި ބައިވެރިވުމަށް ދޮރުތައް ހުޅުވިގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިރޭގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމަށެވެ.
މި ސަރުކާރުގެ އިޞްލާޙީ އެޖެންޑާގައި ހިމަނުއްވައިގެން، ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ހުށަހަޅުއްވާ އިޞްލާޙުތަކާ މެދު ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ރައީސަކު އިންތިޚާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވުމަށް އެ ރައީސަކަށް އިތުބާރުކޮށްފައި ކަމަށެވެ. އަދި މި އިޞްލާޙުތަކަކީ ދުރާލާ ރޭވިގެން، ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން އިސްކުރުމުގެ ނިޔަތުގައި ހުށަހަޅުއްވައި ތަންފީޒުކުރައްވަމުންގެންދަވާ ކަންތައްތަކެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެކުވެރި މާޙައުލެއްގައި ކުރިއަށްދިޔަ މިރޭގެ ހަރަކާތުގައި، އެމަނިކުފާނު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިސްލާޙާއި، އެޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން، ފުޅާދާއިރާއެއްގައި މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، މަޖިލީހުގެ އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިޞްލާޙަކީ، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާގެ މައްޗަށް ބަރޯސާވާނޭ އިޞްލާޙެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުން އިޞްލާޙުކުރެއްވުމަށްވެސް ހުށަހަޅުއްވަން ވިސްނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެސްޕްރެސޯ ވިތު ރައީސް" ހަރަކާތުގައި ބައިވެރިވި ޒުވާނުން. ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންނަށް އުއްމީދީ މެސެޖުތަކެއް ދެއްވާފައި. ފޮޓޯ: ރައީސް އޮފީސް
އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ޒުވާނުންނަށް ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ސަރުކާރެއްވެސް އަލަށް އެކުލަވާލުމަށްފަހު އެ ވޭތުވާ ފުރަތަމަ ހަ މަސްދުވަހު، ސަރުކާރު ލިމްބޯއެއްގައި އެ އޮންނަ އޮތުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ނިމުން ގެނެވޭނެ ކަމަށެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި އެލިބޭ ފައިދާ ނުލިބި، މިހާރަށްވުރެ މިނިވަންކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު އިތުރުވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް އިންތިޚާބު ބޭއްވުމުން، ވޯޓުލާ މީހުންގެ ޢަދަދު އިތުރުވެ، އިންތިޚާބުކުރެވޭ މަޤާމުތަކުގައި ތިބޭ މީހުން ޖަވާބުދާރީކުރާނޭ ފުރުޞަތުވެސް އިތުރުވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.