ENGLISH
29 މާރިޗު 2026
މަޖިލީހުން ޒުވާނުންނަށް ފުރުޞަތު ލިބެންޖެހޭ، އެކަމަށް މަސައްކަތްކޮށްދޭނަން: ރައީސް
28 މާރިޗު 2026
|
ސަންގު ޓީވީން ގެނެސްދިން ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ޤައުމުގެ ކަންކަން ނިންމުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ރައްޔިތުންގެ މަޖިލީހުން ޒުވާނުންނަށް ފުރުޞަތު ލިބެންޖެހޭ ކަމަށާއި، އެކަން ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ޔޫތު ހަބްގައި، ޒުވާނުންނާއެކު "އެސްޕްރެސޯ ވިތު ރައީސް" ގެ ނަމުގައި ބޭއްވި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ޒުވާނުންގެ ސުވާލުތަކަށް ދިއުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާރިޗު 23 ވަނަ ދުވަހު އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިގޮތަށް ރައްޔިތުންގެ މަޖިލީހުން ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދެއްވަން ބޭނުންފުޅުވާކަން ތަކުރާރުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމުގެ ތެރޭގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އިދާރާއެއް ކަމަށެވެ.
ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިގޮތަށް އެމަނިކުފާނުގެ ވިސްނުންފުޅަކީ 30 އަހަރުން ދަށުގެ ޒުވާނުންނަށް މަޖިލީހުގެ ކޯޓާއެއް ކަނޑައެޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަމުގައި ސިސްޓަމެޓިކަލީ ޒުވާނުންނަށް މިހާރު ފުރުޞަތެއް ނެތް ކަމަށެވެ. މިހާރުވެސް ޒުވާނުންނަށް މަޖިލީހަށް ކުރިމަތިލެވޭ ކަމަށާއި، އެކަމަކު އިންތިޚާބުވުމުގައި ގޮންޖެހުންތަކެއް ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޒުވާނުންނަށް ވަކި އިންސައްތައެއް މަޖިލީހުން ކަނޑައެޅިގެން ދިއުމުން ގިނަ ފައިދާތަކެއް ކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ ވަކި ކޯޓާއެއް ކަނޑައަޅާފަ މަޖިލީހަށް ކުރިމަތިލުމަށް، ވަކި އަދަދެއް ކަނޑައަޅާފަ ޒުވާނުންނަށް ފުރުޞަތު ދިނުމުން އެއީ ޒުވާނުން ބާރުވެރިކުރުމުގަ، ޤައުމުގެ ކަންކަން ނިންމުމުގައި އެންމެ މުހިއްމު މުއައްސަސާގެ ތެރެއަށް ޒުވާނުންނަށް ވަދޭވެނެ ފުރުސަތު ލިބިގެންދާނެ ގޮތެއް. އެ ދޮރު އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުޅުވާލަދޭން ބޭނުން " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ 39 އިންސައްތައަކީ ޒުވާނުންގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައިވާ 19 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުން ކަމަށެވެ. އަދި، އެމަނިކުފާނު އެންމެ އިސްކަމެއްދެއްވާ އަދި އެންމެ ބޮޑު ސަމާލުކަމެއްދެއްވާ އާބާދީއަކީވެސް ޒުވާނުން ކަމަށް ވިދާޅުވިއެވެ.
ޒުވާނުންނަށް މަޖިލީހުން ފުރުޞަތު ދޭނީ ޤާނޫނީ ނިޒާމުގެ ތެރެއަށް ގެންނަ އިސްލާހުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރީފޯމް އެޖެންޑާގެ ތެރެއިން އެ ބަދަލު ގެނައުމުގެ ކުރިން ޒުވާނުންގެ މެދުގައި މިވާހަކަ ދެކެވި ޒުވާނުންގެ ބަސް އިއްވަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ސަރުކާރުން މިހާތަނަށް ޒުވާނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، ތަޢުލީމީ ގޮތުންނާއި، ވަޒީފާގެ ގޮތުން އަދި ވިޔަފާރީގެ ގޮތުން ވެސް އީޖާދީ ކަންކަމަށް ފުރުޞަތު ހުޅުވާލާފައިވާނޭ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވިސްނުމަކީ ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ޤައުމު ތަރައްޤީކުރުން ކަމަށާއި، ޒުވާނުންނަށް އެ ފުރުޞަތު އޮންނަން ވާނެކަމަށް ޒުވާނުންނާ މުޚާތަބުކުރައްވައި ދެއްކެވި އެކުވެރި މާޙައުލުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.