ENGLISH

29 މާރިޗު 2026

Advertisement

އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވައިގެން ހައްގަކަށް އުނިކަމެއް ނާންނާނެ، ނަތީޖާ ރަނގަޅުވާނެ: ޝާހީން

28 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ޝާހީން ހަމީދު، ފޮޓޯ: މިހާރު

ގާނޫނުއަސާސީއަށް އަށްވަަނަ އިސްލާހު ގެނައުމުގެ ބިލުގައި އޮތް ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އެއްވެސް މީހެއްގެ އިންތިހާބީ ހައްގެއް ނުގެއްލޭނެ ކަމަށާއި، އެކަމުގެ ސަބަބުން ނުކުންނާނީ ރަނގަޅު ނަތީޖާތަކެއްކަމަށްް ބުރަވެވަޑައިގެންނެވޭ ކަމަށް ތަޖުރިބާކާރު ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވެއްޖެއެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކުރި ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝާހީނު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑަށް އަދި ދައުލަތުގެ ބާރުތަކުގެ މެދުގައި އޮންނަ ގުޅުމެއް އެއްވެސް ބަދަލެއް އަންނާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން ގާނޫނުއަސާސީގެ އޮނިގަނޑަކަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ނުބެލެވޭ. އަދި ފާރަވެރިވުމުގެ ނިޒާމަށް ވެސް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ. 

އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނުރަނގަޅު މާ ގިނަ ކަންކަން ކުރިމަތިވާނެ ކަމުގައި ދެކެވަޑައިނުގަންނަވާކަން ހާމަކުރައްވަމުން ޝާހީނު ވިދާޅުވީ މިހާރު ދެ އިންތިހާބުގެ މެދުގައި އޮންނަ މުހުލަތުގެ ތެރޭގައި ވެރިކަމުގައި ތިއްބަވާ ބޭފުޅުން ބާރުގެ ބޭނުންކުރެއްވުމާއި ނުފޫޒު ފޯރުއްވުން ފަދަ ކަންކަން ހިނގާކަމަށް ކުރެވޭ ތުހުމަތުތަކަށް މި ބަދަލުން ހައްލެއް ލިބިގެންދާނެ ކަމަށެވެ. 

"އެއް ފަހަރާ ބޭއްވުން އޭގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ. އެއީ ތަފާތު ކަންތައްތަކެއް ނުވަތަ ބާރުތަކެއް ބޭނުން ކުރުން ފަދަ ކަންކަން މަދުވެގެން ދާނެ. އެއީ ދެން ހޮވޭނީ ކޮން ބޭފުޅެއް ކަމެއް ނޭނގެ ރިޔާސީ އިންތިހާބުގައި ވެސް މަޖިލީހުގެ އިންތިހާބުގައި ވެސް،" ޝާހީން ވިދާޅުވިއެވެ. 

މިއަދު ކުރިއަށްގެންދިޔަ ޕެނަލުގައި ހިމެނިވަޑައިގަތް ގާނޫނީ ވަކީލުންގެ ތެރެއިން ޝާހީނުގެ އިތުރަށް ކުރީގެ ބަންޑާރަނައިބުން ކަމަށްވާ ދިޔާނާ ސައީދާއި އާޒިމާ ޝަކޫރު އަދި މިހާރުގެ ބަންޑާރަނައިބު އަހްމަދު އުޝާމުވަނީ މި އިސްލާހުން ލިބޭނެ މަންފާތަކުގެ މައްޗަށް އަލިއަޅުއްވައި ވާހަކަދައްކަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު