ENGLISH
24 މާރިޗު 2026
ގައުމީ ލޮޖިސްޓިކްސް ވިއުގައިން އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ލިބޭނެ
24 މާރިޗު 2026
|
އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އަތޮޅު ތެރެއަށް މެދުކެނޑުމެެއް ނެތި މުދާ ލިބޭނެ އިންތިޒާމު ކަށަވަރުކުރުމުގެ ގޮތުން ގާއިމުކުރާ ގައުމީ ލޮޖިސްޓިކްސް ވިއުގައިގެ ތެރެއިން އަމިއްލަ ކުންފުނިތަކަށްވެސް ވަނުމުގެ ފުރުސަތު އޮންނާނެކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ މައިގަނޑު ތިން ބަނދަރު ކަމުގައިވާ މާލޭ ވިޔަފާރި ބަނދަރާއި، ކުޅުދުއްފުށީ ބަނދަރާއި އައްޑޫ ސިޓީގެ ވިޔަފާރި ބަނދަރު ގުޅުވައިލުމަށް ގާއިމުކުރާ "އެންކާ" ވިއުގައިގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ވިއުގައިގެ ތެރެއިން އަމިއްލަ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. އެހެންނަމަވެސް މިފަދަ ވިއުގައެއް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްގެންދިއުމުގައި، އަދި ރައީސްގެ އަމާޒުފުޅާ އެއްގޮތަށް ދެމެހެއްޓެނެވި ގޮތެއްގައި ކާބޯތަކެތި ފޯރުކޮށްދިނުމަށްޓަކައި، މި ވިއުގައިގަ އެމްޕީއެލް ފަދަ ސަރުކާރު ކުންފުންޏަކުން މުހިއްމު ދައުރެއް އަދާކުރުން ލާޒިމުވާނެ ކަމުގައި ވިދާޅުވިއެވެ.
ސައީދު އިތުރަށް ފާހަގަކުރެއްވީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިފަދަ ވިއުގައެއް ގާއިމުކޮށް ދެމެހެއްޓުމަކީ ވަރަަށް ބޭނުންތެރިކަމެއް ކަމަށެވެ.
ވަޒީރު ފާހަގަކުރެއްްވި ގޮތުގައި މިފަދަ ލޮޖިސްޓިކްސް ވިއުގައެއް ގާއިމުކުރެވިގެންދާއިރު، ގައުމީ ފެންވަރުގައި ތަކެތި ރައްކާކުރެވޭނެ ިޒާމެއް ގާއިމުކޮށް، މުދާ ރައްކާކުރުމުގެ ގާބިލުކަން ގައުމީ ފެންވަރެއްގައި އިތުރުކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑްރައި އަދި ވެޓް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރެވެމުންދޭ، މި ނިޒާމު ފުރިހަމަވުމުން އާބަން ސެންޓަރުތަކުގެ އިތުރުން ރަށްރަށަށްވެސް ބޭނުންވާ މުދަލާއި ކާބޯތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެ،" ސައީދު ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައިވަނީ މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ތެލާއި ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެކަން ކަށަވަރުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމާއެކު، އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަަށެވެ.