ENGLISH
24 މާރިޗު 2026
ފަސްޓް ލޭޑީ، ފުވައްމުލަކު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފި
24 މާރިޗު 2026
|
ފަސްޓް ލޭޑީ، ފުވައްމުލަކު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފިއެވެ.
ފަސްޓް ލޭޑީ ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ. އެކަމަނާ ފުވައްމުލަށް ސިޓީއަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ފުވައްމުލަކުން ވަނީ ކިޔައިފައެވެ.
މިއަދު އޮތް ދޮރުން ދޮރަށް ހަރަކާތުގައި ފަސްޓް ލޭޑީ ވަނީ އެ ސިޓީގެ ބައެއް ގެތަކަށް ވަޑައިގެން އާއިލާތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުން އަޑުއައްސަވައިފައެވެ. ގޭގެއަށް ވަޑައިގެން ގިނަ ވަގުތުތަކެއް އެކަމަނާ ހޭދަކުރެއްވިއެވެ.
ފުވައްމުލަކު ދޮރުން ދޮރަށް ހަރަކާތުގައި ފަސްޓް ލޭޑީއާ އާއިލާއަކާ ބައްދަލުކުރައްވަނީ. ފޮޓޯ: ޕީއެންސީ
ދޮރުން ދޮރަށް ހަރަކާތުގެ އިތުރުން، ފަސްޓް ލޭޑީ ވަނީ ޕީއެންސީގެ ފަރާތުން ފުވައްމުލައް ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ވެސް ބައްދަލުކުރައްވައިފައެވެ. ކޮންގްރެސް ޕާޓީގެ ފަރާތުން މިފަހަރު ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ މަސީހް ވަނީ މި ބައްދަލުކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.
ސިޓީތަކަށް ފަސްޓް ލޭޑީ ކުރައްވާ ދަތުރުފުޅުގައި އިއްޔެ ވަޑައިގެންނެވީ ތިނަދޫ އަށެވެ. ތިނަދޫ ސިޓީގައި ވެސް ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދަވައި، ކެންޑިޑޭޓުންނާ އެކަމަނާ ވަނީ ބައްދަލުކުރައްވައިފައެވެ.
ތިނަދޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ފަހު އެކަމަނާ މިއަދު ހަވީރު ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ.
ފަސްޓް ލޭޑީ ފުވައްމުލަކު ކެންޑިޑޭޓުން އަދި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ޕީއެންސީ
ފަސްޓް ލޭޑީގެ ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ބައެއް ވަޒީރުންނާއި ޕީއެންސީގެ އަންެހެނުންގެ ގޮފީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ތިން ވޯޓަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން ގެންދަނީ މުޅި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެދުވަހު އޮންނާނީ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ އިންތިޚާބެވެ.