ENGLISH

24 މާރިޗު 2026

Advertisement

ޓުރަމްޕަށް އީރާނާއެކު "ޑީލެއް" ހެއްދެވިދާނެތަ؟

24 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ޑޮނާލްޑު ޓުރަމްޕާއި އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ

އީރާނުން ހޮރުމުޒް ކަނޑުއޮޅި ހުޅުވައިނުލައިފިނަމަ އެ ގައުމުގެ ހަކަތަ އުފައްދާ މަރުކަޒުތައް ވިއްސިވިހާލިކޮށްލައްވާނެ ކަމުގެ އިންޒާރު ދެއްވިތާ ދެ ދުވަސްފަހުން ހޯމަދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕުވަނީ އެމެރިކާއިން އީރާނާއެކު ވަރަށް ރަނގަޅު ބިނާކުރުވަނިވި މަޝްވަރާތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވެ، ދެ ގައުމުގެ މެދުގައި އެއްބަސްވެވެވޭ މުހިއްމު ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެ ކުރިން ދެއްވާނެ ކަމުގައި ވިދާޅުވި ހަމަލާތައް ފަސް ދުވަހަށް ފަސްކުރައްވާފައެވެ. 

ޓުރަމްޕުގެ އިއުލާނާ ގުޅިގެން އީރާނުން ބުނެފައިވަނީ އެފަދަ ވާހަކަތަކެއް ދެކެވިފައި ނެތް ކަމަށެވެ. އީރާނުގެ ލީޑަރެއް ކަމުގައިވާ މުހައްމަދު ބާޤިރު ޣާލިބަފް ސިފަކުރެއްވި ގޮތުގައި ޓުރަމްޕުގެ ވާހަކަފުޅަކީ މާލީ އަދި ތެލުގެ ބާޒާރުތައް ވަކި ގޮތަކަށް އަނބުރައިލެއްވުމަށް ފަތުރުއްވާ ފޭކު ހަބަރެވެ. އަދި އެއީ އިސްރާއީލާއި އެމެރިކާ ތާށިވެފައި އޮތް މަޅިން މިންޖުވެވޭތޯ ދައްކަވާ ދެއުޅިއެއްނުވާ ވާހަކަތަކެކެވެ. 

އީރާނުގެ ރައްދުން ސާފުވެގެންދިޔައީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް ވާސިލުވެވުން ގާތްކަމަށް ޓުރަމްޕު ވިދާޅުވި ނަމަވެސް އެފަދަ އެއްބަސްވުމަކަށް ވާސިލުވުމުގެ ރާސްތާގައި ހުރި ހުރަސްތަކާއި ގިރާކުރަންޖެހޭ ދަތިތަކުގެ ގިނަކަމާއި ބޮޑު ކަމެވެ. 

ޓުރަމްޕުގެ ވާހަކަފުޅުގައި އީރާނާއެކު މަޝްވަރާކުރުމަށް ހަނި ނަމަވެސް މަގެއް ހުޅުވައިލެއްވުމުން އީރާނުން ދައްކުވައިދިނީ މަޝްވަރާތަކެއްގެ ތެރޭގައި ދެ ގައުމު އޮތް ހާލަތެއްގައި އީރާނަށް ދެ ފަހަރެއްގެ މަތިން އުދުވާނީ ހަމަލާތަކެއް ދިނުމާ ގުޅިގެން އީރާނުގެ މަތި ފަނޑީގައި ޓުރަމްޕާމެދު އޮތް ޝައްކާއި އިތުބާރު ގެއްލިފައި އޮތް މިންވަރެވެ. 

އީރާނުން އެއްބަސްވާނީ ކޮން ކަމަކަށް؟ 

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވެވޭނީ ކުރިއަށް އޮތް ތަނުގައި އީރާނަށް އެމެރިކާއިން މިފަދަ ހަމަލާތަކެއް ނުދޭނެކަމުގެ ޔަގީންކަން ލިބިގެންކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިންއާއި އެ ގައުމުގެ އެހެނިހެން މަސްއޫލުވެރިން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. އީރާނުން ދެކޭ ގޮތުގައި އެ ގައުމުން ކުރަމުންދާ ހަނގުރާމައަކީ އެ ގައުމުގެ ދެމިއޮތުމާ ގުޅުންހުރި، ނިމިނިދިޔަ ޖޫން މަހުގައި އިސްރާއީލުން ދިން ހަމަލާތަކާއެކު ފެށިގެން ކުރިއަށްދާ ހަނގުރާމައެކެވެ. 

އެމެރިކާގެ ރައީސް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރި ބެންޖަމިން ނަތަންޔާހޫ ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު ފެށި ހަނގުރާމައާއެކު އީރާނުން މަސައްކަތްކުރަމުންދަނީ އެގައުމަށް ހަމަލާދިނުމުން އަދާކުރަންޖެހޭ އަގުގެ ބޮޑުކަމުގެ ސަބަބުން ދެވަނަ ފަހަރަށް އެފަދަ ހަމަލާއެއް ދިނުމަށް އެމެރިކާއާއި ސިހުޔޫނީ ދައުލަތަށް ޖެހިލުންވާނެ ހާލަތު އުފެއްދުމަށެވެ. 

އީރާނަަށް ރެއާއި ދުވާލު އެމެރިކާއާއި އިސްރާއީލުން ބޮން އެޅި ނަމަވެސް ހުއްޓުމެއްނެތި ރައްދުގައި އިސްރާއީލަށާއި ހަލީޖުގެ ގައުމުތަކަށް އީރާނުން ހަމަލާދެމުންދާތީ، ބައެއް މާހިރުން ވިދާޅުވެފައިވަނީ އީރާނުން ބޭނުންވާ ޔަގީންކަން އެގައުމަށް ނުލިބޭހައި ހިނދެއްގައި ހަނގުރާމަ ހުއްޓާނުލައި ކުރިއަށްގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. 

ހޮރްމުޒު ކަނޑުއޮޅި ހުޅުވުމަކީ ކިހައި ފަސޭހަކަމެއް؟ 

ދުނިޔޭގެ ތެލާއި ގޭހުގެ ފަސް ބައިކުޅަ އެއްބައް އުފުލުމަށް ބޭނުންކުރާ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރާނެކަމަށް އެކި ހާދިސާތަކާ ގުޅިގެން އީރާނުން އިންޒާރުދޭތާ އަހަރުތަކެއްފަހުން، އެ ގައުމުން އެކަނޑުއޮޅި ބަންދުކުރުމާއެކު، މިހާރު ކަންކަން ހިނގާނީ ކުރިން ހިނގަމުން އައި ގޮތަށް ނޫންކަމުގެ މެސެޖު މުޅި ދުނިޔެއަށް ދީފިއެވެ. 

މި ހަނގުރާމާގައި ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށް ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އީރާނުން ގެނައި ލޮޅުމާއި އެއިން ދުނިޔޭގެ އިގުތިސާދަށް ފޯރަމުންދާ އަސަރުތަކަކީ، ޓުރަމްޕާ ދެކޮޅަށް އީރާނުން މި ހަނގުރާމައިގަ ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރެވެ. އޮޑިވެރިންނާއި ކުންފުނިތަކުން އެ ކަނޑުއޮޅިން ދަތުކުރަން މިހާރު ބޭނުމެއް ނުވެއެވެ. 

ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން، އެ ކަނޑުއޮޅި ހުރަސްކުރުމަށް ދެ މިލިއަން ޑޮލަރުގެ ފީއެއް މަދުވެގެން އެއް ތެޔޮ ޓޭންކަރަކުން އީރާނަަށް ދައްކާފައިވެއެވެ. އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ދެން ކުރިއަށް އޮތް ތަނުގައި ކަންކަން ހިނގާނީ އެ އުސޫލުން، ކަނޑުއޮޅި ހުރަސްކުރުމަށް ފީއެއް ނަގާ ގޮތަށެވެ. 

މިފަދަ ނިންމުމަކުން އެންމެ ބޮޑަށް ނުރުހުންވެ ރުޅިއަންނާނީ ގަލްފުގެ ގައުމުތަކެވެ. އެ ގައުމުތަކުން ބޭރުކުރާ ތެލާއި ގޭސް އަދި ޕެޓްރޯ ކެމިކަލްތައް ބޭރުކުރުމުގައި އީރާނުން ހޮރްމުޒު ބަންދުކުރުމުން ބޮޑެތި ހުރަސްތައް ކުރިމަތިވެ، އެކްސްޕޯޓުކުރެވޭ މިންވަރަށް ވރަށް ބޮޑަށް ދަށްވެފައިވެއެވެ. އަދި އެ ކަނޑުއޮޅިން ފީއެއް ނަގަން އީރާނުން ފަށައިފިނަމަ އެކަމުގެ ސަބބަުން އެ ގައުމުތަކަަށް ބޮޑެތި ގެއްލުންތަކެއްވާނެއެވެ. 

އީރާނުގެ ނިއުކުލިއާ ޕްރޮގުރާމަށްވާނީ ކިހިނެއް؟ 

ޓުރަމްޕު މި ހަނގުރާމައަށް އެމެރިކާ ނެރުއްވީ އީރާނުގެ ނިއުކުލިއާ ޕްރޮގުރާމު ނައްތަވައިލެއްވުމުގެ ދައުވާއާއެކުއެވެ. އެއީ ނިމުނު ޖޫންގެ 12 ދުވަސް ހަނގުރާމައިގައި އެމެރިކާއިން ދިން ހަމަލާތަކުގައި އީރާނުގެ މުޅި ނިއުކުލިއާ ޕްރޮގުރާމު ނެތިކޮށްލެވިފައިވާ ކަމަށް ވިދާޅުވުމަށްފަހުއެވެ. 

ހޯމަދުވަހު ޓުރަމްޕު ވިދާޅުވީ އެމެރިކާއިން ބޭނުންވާނީ އީރާނުން ރައްކާކޮށްފައި ހުރި ޔުރޭނިއަމްތައް އަތުލަން އެމެރިކާއިން ބޭނުންވާ ކަމަށެވެ. އީރާނުގައި 9،000 ކިލޯގެ ޔޫރޭނިއަމް ހުރިއިރު ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ މިންވަރާ ގާތަށް މުއްސަނދިކޮށްފައި ހުރީ 440 ކިލޯގެ ޔޫރޭނިއަމެވެ. އީރާނުން ބުނާ ގޮތުން އެ ޔުރޭނިއަމް ހުރީ ބޮން އަޅައި ސުންނާފަތިކޮށްލި ބިނާތަކުގެ އަޑީގައެވެ. 

އެމެރިކާއާއި އީރާނުގެ މެދުގައި އެންމެ ފަހުން ކުރެވުނު މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް ނޫހުން ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުގެ ހަމަލާތައް ފެށުމުގެ ކުރިން،  ޔޫރޭނިއަމް ރައްކާކުރުމާއި މުއްސަނދިކުރުން ހުއްޓާލައި، މަތީ ދަރަޖައަކަށް މުއްސަނދިކުރި ޔުރޭނިއަމް މަދުކުރުމަށް އީރާނުން އެއްބަސްވި ކަމަށެވެ. 

ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ އީރާނާ ބެހޭ މާހިރު ވާލީ ނަސްރު ވިދާޅުވި ގޮތުގައި ހޮރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ބާރު ހިނގާ ގޮތަށް އެމެރިކާއިން އެއްބަސްވާ ހާލަތުގައި ނިއުކުލިއާ ހަތިޔާރުގައި ބޭނުންކުރެވޭ މިންވަރާ ގާތަށް މުއްސަނދިކުރެވިފައި ހުރި  ޔުރޭނިއަމް ދޫކޮށްލަން އީރާނުން އެއްބަސްވުމުގެ ފުރުސަތު އެބައޮތެވެ. 

އޭނާ ވިދާޅުވި ގޮތުގައި ހޮރްމުޒް ކަނޑުއޮޅި ބަންދުކުރެވުމަކީ ކުރިއަށް އޮތް ތަނުގައި އީރާނަށް ހަމަލާދިނުމަށް އެމެރިކާއާއި އިސްރާއީލު ޖެހިލުންވާ ސަބަބަކަށްވެދާނެ ކަމުގައި އީރާނުގެ މަސްއޫލުވެރިން ގަބޫލުކުރައްވައެވެ. އަދި އެތަނުން ދަތުުރުކުރާ އޮޑިފަހަރުން ފީއެއް ނެގުމަކީ އެގައުމަށް މުސްތަގުބަލުގައި އާމްދަނީ ލިބުމުގެ މަގެއްކަމަށްވެސް އެބޭފުޅުން ދެކެވަޑައިގަންނަވާ ކަމަށް ނަސްރު ވިދާޅުވެއެވެ. 

އީރާނުގެ މިސައިލާއި ޑްރޯނު ޕްރޮގުރާމަށްވާނީ ކިހިނެއް؟ 

ޓުރަމްޕު ހަނގުރާމަ އިއުލާނުކުރެއްވި ތަގުރީރުގައި ވިދާޅުވީ މި ހަނގުރާމައިގެ މަގުސަދަކީ އީރާނުގެ ހުރިހާ މިސައިލެއް ނެތިކޮށް، އަލުން މިސައިލު ނުއުފެއްދޭ މިންވަރަށް އެގައުމުގެ މިސައިލް ޕްރޮގުރާމު ވީރާނާކޮށްލުން ކަމަށެވެ. މީގެ ނުވަ ދުވަސްކުރިން ޓުރަމްޕުވަނީ އީރާނުގެ އަސްކަރީ ގާބިލުކަން ސައްތައިން ސައްތަ ނައްތައިލެވިފައިވާ ކަމަށެވެ. 

އޭނާ އެހެން ވިދާޅުވި ފަހުންވެސް އީރާނުން އައީ އިސްރާއީލާއި ހަލީޖުގެ ގައުމުތަކަށް ފުލުފުލުގައި ގިނަ އަދަދެއްގެ މިސައިލާއި ރޮކެޓާއި، ޑްރޯނު ހަމަލާތައް ފޮނުވަމުންނެވެ. މީގެ ކުރިންވެސް އީރާނުން ބުނެފައިވަނީ އެ ގައުމުގެ ދިފާއަށް ޟަރޫރީ ކަމެއް ކަމުގައިވާތީ މިސައިލާ ޑްރޯން އުފެއްދުމުގެ ޕްރޮގުރާމަކީ އެކަމާމެދު މަޝްވަރާނުކުރެވޭނެ ކަމެއް ކަމަށެވެ. 

ނަމަވެސް މި ހަނގުރާމައަށްފަހު އީރާނުގެ މިސައިލުތަކާއި ޑްރޯނުތަކުގެ ހަސްކާ އެންމެ ގާތުން ފެނި އެކަމުގެ ބިރުވެރިކަން ތަހައްމަލުކުރި އެމެރިކާގެ ބައިވެރިންކަމަށްވާ ހަލީޖު ގައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށް، އެ ޕްރޮގުރާމަށް ކޮންމެވެސް ގޮތެއް ހަދައިދިނުމަށް އެ ގައުމުތަކުން އެދޭނެ ކަމުގައި ބެލެވެއެވެ. 

ދަތިތައް ފިލުވައިދިނުމަށް އީރާނުން އެދޭނެތަ؟ 

އީރާނުގެ ރައީސް ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި އީރާނުން ހަނގުރާމަ ނިންމައިލުމަށް ކުރިމަތިކުރާ ޝަރުތުތަކުގެ ތެރޭގައި އެ ގައުމަށް ބޮން އެޅުމުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމާއި، ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު އެގައުމަށް ލިބިފައިވާކަަން ގަބޫލުކުރުމާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ހަމަލާތަކެއް އީރާނަށް އަމާޒުނުވާނެ ކަމުގެ ބައިނަލްއަގުވާމީ ޔަގީންކަމެއް ދިނުން ހިމެނޭ ކަމަށެވެ. 

އެ ޝަރުތުތަކުގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް ފިލުވައިލުން ނުހިމެނުނު ނަމަވެސް، މިހާތަނަށް އެމެރިކާއާއެކު އީރާނުން ކުރި ކޮންމެ މަޝްވަރާއެއްގައި އެކަމަށް އީރާނުންވަނީ އެދިފައެވެ. އެ ގައުމުން ފާހަގަކުރި ގޮތުގައި އެއީ އެ ގައުމުގެ މުސްތަގުބަލު ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. 

ހަނގުރާމައަށް ފަހު އީރާނު އޮންނާނީ ކުރިއަށްވުރެވެސް ނުރައްކާތެރި ހާލަތެެއްގައި އެއަށްވުރެ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ. އަދި އެގައުމުގެ ބިނާރުތަކާއި އަސްކަރިއްޔާ އަލުން ބިނާކުރުމަށް ފައިސާ ބޭނުންވާނެއެވެ. 

މިހާތަނަށް ޓުރަމްޕު ދަތިތަކަށް ލުޔެއް ދެއްވުމަށް ވިސްނަވާ ކަމަށް ވިދާޅުވެފައިނުވެއެވެ. އޭނާ އީރާނު ސިފަކުރައްވަމުންދަނީ ދުނިޔޭގެ އެއްވަނަ ޓެރަރިޒަމްގެ ސްޕޮންސަރުގެ ގޮތުގައެވެ. 

ކިޔުންތެރިންގެ ހިޔާލު