ENGLISH

24 މާރިޗު 2026

Advertisement

އިރުގެ ހަކަތައިން ކަރަންޓު އުފެއްދުން؛ 101 ރަށެއްގައި 164 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ މަސައްކަތް ކުރިއަށް

24 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނަވި ހަކަތައިން އުފެއްދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއެއް 101 ރަށެއްގައި ކުރިއަށްދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 އިންސައްތަައަށް އިތުރުކުރުމަށް ރައީސް ކަނޑައަޅުއްވާފައިވާ އަމާޒު ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ވަޒީރު ހިއްސާކުރެއްވިއެވެ. 

އެގޮތުން މި ވެރިކަން ފެށުނުއިރު ރާއްޖޭގައި އިއާދަކުރަނަވި ހަކަތައިން އުފައްދަނީ 53 މެގަވޮޓުގެ ކަރަންޓެވެ. ނަމަވެސް ފާއިތުވި ދެ އަހަރު ތެރޭ މި ސަރުކާރުން ކުރި މަސައްކަތުން އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 110 މެގަވޮޓަށް އިތުރުކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިހާރު 101 ރަށެއްގައި އިރުގެ ހަކަތައިން ޖުމްލަ 164 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެކި މަރުހަލާގައި އެ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ. އަދި އެ ރަށްރަށުގެ ޑިސްޓްރިބިއުޝަން ވިއުގަ އަދާހަމަކުރުމާއި، އެ ރަށްރަށުގައި ބެޓަރީ ސިސްޓަމުތައް ބެހެއްޓުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. 

ބެޓަރީ ސިސްޓަމްތަައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 158 މެގަވޮޓް އަވަރ ބެޓަރީ އެނާޖީ ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރަށްރަށުގައި އަމިއްލައަށް އިއާދަކުރަނަވި ހަކަތައިގެ ނިޒާމުތައް ގާއިމުކުރަން ބޭނުންވާ މީހުންނަށް އެމަގު ފަހިކޮށްދެވެން އަންނަނީ އެ ރަށްރަށުގެ ކަރަންޓު ވިއުގަތައް އިތުރަށް ވަރުގަދަކޮށް އެ ރަށްތަކުގައި ބެޓަރި ނިޒާމުވެސް ބެހެއްޓިގެންނެވެ. 

"އިތުރު ބެޓަރިއާއި އިތުރަށް ގްރިޑް ވަރުގަދަނުކޮށށެއް، އެ ރަށެެއްގައި އުފައްދާ  ކަރަންޓުގެ 30 އިންސައްތަައަށްވުރެ އިތުރުކޮށް އިއާދަކުރަނަވި ހަކަތައެއް ނުޖެހޭ. އެހެންވީމާ އަޅުގަނޑުމެން މިދަނީ މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކުގައި އިތުރަށް ގްރިޑު ހަރުދަނާކޮށް ބެޓަރި އިތުރުކޮށްގެން އިތުރަށް ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތްތައް ކުރެވޭނެ ގޮތްތައް ހަދަމުން،" ވަޒީރު ވިދާޅުވިއެވެ. 

މި މަސައްކަތްތަކުގެ އިތުރަށް އެސްއީޒެޑް ގާނޫނުގެ ދަށުން މާލޭ ސަރަހައްދުގައި ސޯލާ ޕެނަލް މަޝްރޫއެއް ހިންގުމަށް ހަވާލުކުރެވި އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމށް ވަޒީރު ވިދާޅުވިއެވެ. އަދި އިތުރު 150 މެގަވޮޓު އިއާދަކުރަނަަވި ހަކަތައިން އުފެެއްދުމަށް ބޭނުންވާ މަޝްރޫއެއްގައި ސޮއިކުރެވި ޑީޓެއިލް ޑްރޮވިން މަރުހަލާގެ މަސައްކަތްތަައް ފެށިގެން ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު