ENGLISH
24 މާރިޗު 2026
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވަރަށް ހޫނު ގަދަ، ސަމާލުވާން އެދެފި
24 މާރިޗު 2026
|
ގަދަ ހޫނުގައި ބިދޭސީންތަކެއް މަޑުކޮށްލައިގެން. މިއީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެއް. ފޮޓޯ: އަވަސް
އެންމެ މަޤްބޫލު
ރާއްޖޭގެ އެކި ހިސާބުތަކަށް ހޫނުމިން އިހުސާސްކުރެވޭ މިންވަރު މަތިކަމަށް މުސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވާ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން މިހާރު ހުރީ 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަައެވެ. އަދި އާންމު ހޫނުމިން ހުރީ އެވްރެޖްކޮށް 31.2 ޑިގްރީ ސެލްސިއެސްއަށް ވުރެ މަތީގަ އެވެ.
މެޓް އޮފީހުން މިއަދު ހެނދުނު 11:00 ގައި އާއްމުކުރި ރެކޯޑްތައް ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑަށް ހޫނުކަން އިހުސާސްކުރެވިފައިވަނީ މާލެއަށެވެ. އެއީ 36.8 ޑިގްރީ ސެލްސިއަސް އެވެ.
މިދުވަސްވަރަކީ އިރުވައި މޫސުމުގެ އެންމެ އަވިގަދަވާ ދުވަސްވަރެވެ. އިރުވައި މޫސުމުގައި ރާއްޖެއަށް އާއްމުކޮށް އެންމެ ބޮޑަށް ހޫނުކަން އިހުސާސްކުރަން ޖެހެނީ ޖެނުއަރީ އިން ޖޫން މަހާ ދެމެދު އެވެ. އަދި އެންމެ ބޮޑަށް ހޫނުވާކަމަށް އަންދާޒާ ކުރެވިފައިވަނީ އޭޕްރީލް މަހު އެވެ.
މެޓް އޮފީހުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް މިހާތަނަށް އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް 1، 2024 ގަ އެވެ. އެއީ މާލެ ސަރަހައްދަށް 48 ޑިގްރީ ސެލްސިއެސް އެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން، މިއަދަކީ އިރުވައިގެ އަށްވަނަ ނަކަތް ކަމަށްވާ ފަސްބަދުރުވައިގެ 13 ވަނަ ދުވަހެވެ. މި ނަކަތުގައި އާއްމުކޮށް އުޑުމަތި ސާފުވެފައި ، ހޫނުގަދަވާނެ އެވެ.
ހޫނު ގަދަވުމުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދުދެމުންނެވެ.