ENGLISH

24 މާރިޗު 2026

Advertisement

"އާނއެކޭ" ވޯޓަކީ ޤައުމުގެ ހަމަޖެހުމަށް، ތަރައްޤީއަށް ދޭ ވޯޓެއް: މެންބަރު އިމްރާން

24 މާރިޗު 2026

|

ޢަލީ ޝަހީމް

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގަނާ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީން "އާނއެކޭ" އަށް ތާއިދުކުރަނީ އެއީ ޤައުމުގެ ހަމަޖެހުމަށާއި، ޤައުމުގެ ތަރައްޤީއަށް ދޭ ވޯޓަކަށްވީމަ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ގަލޮޅު އުތުރު ދޮރުން ދޮރަށް ހަރަކާތުގެ ޚާއްޞަ ކަވަރޭޖްގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، އިންތިޚާބުތައް ވަކިވަކިން ބާއްވައިގެން ސިޔާސީ ހަމަޖެނުޖެހުމެއްގައި އޮންނަ ނަމަ ޤައުމަށް ތަރައްޤީ ގެންނަން އުނދަގޫވާނެ ކަމަށެވެ. 

"އަޅުގަނޑުމެންނަށް ކުރިއެރުން އަންނާނީ ފުރަތަމަ ޤައުމު ހަމަޖެހިގެން. އެހެންވީމަ ޤައުމުގެ ހަމަޖެހުމަށް ދޭ ވޯޓެއް އަސްލު ޙަޤީގަތުގަ "އާނއެކޭ" މިބުނާ ވޯޓަކީ. ޤައުމުގެ ހަމަޖެހުމަށް އާނއެކޭ މި ބުނަނީ. ކުރިމަގަށް ތަރައްޤީއަށް އާނއެކޭ މި ބުނަނީ" މެންބަރު އިމްރާން ވިދާޅުވިއެވެ. 

މެންބަރު ވިދާޅުވީ، މުޅި މާލެ ވެސް އޮތީ ޕީއެންސީގެ "އާނއެކޭ" އަށް ތައްޔާރަށް ކަމަށެވެ. އިދިކޮޅުން މިކަމުގައި "ނޫނެކޭ" ބުނަކީ ސިޔާސީ މަންފާއަކަށް ކަމަށާއި، މިދުވަސްވަރު ވެސް އަމިއްލަ ޕާޓީގެ ކެމްޕޭން ހަރަކާތްތައް ދޫކޮށްލާފައި އިދިކޮޅުން ޕްރޮމޯޓްކުރަނީ "ނޫނެކޭ" ކެމްޕޭން ކަމަށް އިމްރާން ވިދާޅުވިއެވެ. 

އެމްޑީޕީގެ ޖަގަހަތަކުގައި ކެންޑިޑޭޓުންގެ ފޮޓޯ ނުފެންނައިރު، އެމްޑީޕީގައި މިހާރު އެއްބައިވަންތަކަމެއް ނެތްކަމަށް އިމްރާން ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އިދިކޮޅު ފަރާތްތައް ވަރަށް ބޮޑަށް ބައިބައިވެފަ އެބޭފުޅުންގެ ކެންޑިޑޭޓުންނަށް އޮތް ކެމްޕޭނެއް ވެސް ނުކުރެވޭ، އެބޭފުޅުން ބޭނުންވަނީ ހަމައެކަނި ޕާޓީ މިހާރު އެއްގަލަކަށް އެރުވޭނީ ކޮން ވިސްނުމެއްގަތޯ ބަލާފަ އެބޭފުޅުން އެކުރަނީ ނޫނެކޭ ކެމްޕޭން. ނޫނެކޭ ކެމްޕޭން އެބޭފުޅުން މި ކުރާ ސަބަބު ވަރަށް ސާފު. އެއީ މިއަދު އެބޭފުޅުންގެ އެއްބައިވަންތަ ކަމެއް ނެތް އަސްލުގަ. އެކަތިގަނޑެއްގޮތަށް މަސައްކަތްކުރި ބޭފުޅުންނެއް މިއަދަކު އެބޭފުޅުންނާއެކުގައެއް ނެތް" ދޮރުން ދޮރަށް ހަރަކާތުގައި ހުންނަވައި އިމްރާން ވިދާޅުވިއެވެ. 

އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ވަޑައިގަންނަވާ ބޭފުޅުން ވެސް ފާހަގަކުރައްވަނީ އެމްޑީޕީ މިއަދު މި ޤައުމުގައި ނެތް ކަމަށާއި، އިދިކޮޅުން މަސައްކަތްކުރަނީ ޤައުމު އިސްލާހުކޮށް ޤައުމު ހަމަމަގަށް އެޅުވުމުގެ ރޫހެއްގައި ނޫން ކަމަށް މެންވަރު ވިދާޅުވިއެވެ. 

އިމްރާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެބޭފުޅުން ތިއްބެވީ ތައްޔާރަށް ކަމަށާއި، އެ ހުރިހާ ކަމެއް ކުރުމަށް ޤައުމުގައި ވޯޓުލާ ދުވަސްތައް މަދުކުރަން ޖެހޭ ކަމަށެވެ. ވޯޓުލާ ދުވަސްތައް މަދުކޮށް މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ޤައުމުގެ ހަމަޖެހުން ޤާއިމުކުރަން ފަސޭހަވެގެންދާނެކަމަށް އިމްރާން ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު