ENGLISH

17 މާރިޗު 2026

Advertisement

ވަގުތީގޮތުން ގެއަށް ބަދަލުކުރި ބައްސާމް، އަލުން ޖަލަށް ބަދަލުކޮށްފި

17 މާރިޗު 2026

|

ސުވެއިދާ ހުސެއިން

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް: ކަރެކްޝަނުން އޭނާ ގެ ބަންދަށް ބަދަލު ކުރީ ސިއްހީ ފަރުވާއަކަށް، މިހާރުވަނީ އަލުން ޖަލަށް ބަދަލުކޮށްފަ--

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމްގެ) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގޭ ބަންދަށް ބަދަަލުކުރުމަށްފަހު އަލުން ޖަލަށް ބަދަލުކޮށްފިއެވެ. 

އޭނާގެ ސިއްހީ މައްސަލައަކާއި ގުޅިގެން، ޖަލުން ގެއަށް ބަދަލު ކުރީ އިއްޔެ މެންދުރެވެ. އެހެންނަމަވެސް މިހާރު އަލުން ޖަލަށް ބަދަލުކޮށްފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައިވެއެވެ. 

ކަރެކްޝަނުން ބުނެފައިވާ ގޮތުން ބައްސާމު ގެއަށް ބަދަލުކުރީ، އޭނާގެ ސާޖަރީއަކަށްފަހު ޑޮކްޓަރުން ދިން ސިއްހީ ލަފައާ އެއްގޮތަށް، އެފަދަ ހާލަތްތަކުގައި ކަރެކްޝަނުން އަމަލުކުރާ އުސޫލުގެ ތެރެއިންނެވެ. އޭނާ ގެއަށް ބަދަލުކުރީ ވަގުތީ ގޮތުން ޟަރޫރީ ހާލަތެއް އޮތުމުންނެވެ. 

ގެއިން ޖަލަަށް ބަދަލުކުރި ސަބަަބު ބަޔާންކޮށް ކަރެކްޝަނުން ބުނެފައިވަނީ، ސާޖަރީއަށްފަހު ބައްސާމަށް ދޭންޖެހޭ ފަރުވާއަށް އަވަހަށް ގެންދެވޭނެ އިންތިޒާމު ޖަލުގައި މިހާރު ހަމަޖެހިފައިވުމާއެކު އޭނާ އަނބުރާ ޖަލަށް ގެންދިއުމަށް ނިންމީ ކަމަަށެވެ. 

ބައްސާމުގެ މައްޗަށް ޖަލު ހުކުމެއް އިއްވީ އެފްއޭއެމްގެ ރައީސްކަމުގައި ހުރި ދުވަސްވަރު އެ އިދާރާއަށް ފީފާއިން ލިބުނު ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ މަނީލޯންޑާކުރި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. މި މައްސަލާގައި ބައްސާމުގެ މައްޗަށް މިހާތަނަށް 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. 

އެފްއޭއެމްެގެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ބައްސާމުގެ މައްޗަށް އުފުލާފައިވާ އިތުރު ބައެއް ދައުވާތަކުގެ ޝަރީއަތްތައް މިހާރުވެސް ކްރިމިނަލް ކޯޓުގައި ހިނގަމުންދެއެވެ. އަދި ބައްސާމުވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ދެ ހުކުމް މަތީ މަރުހަލާ ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު