ENGLISH
17 މާރިޗު 2026
ރާއްޖެ-އިންޑިޔާ މިނިވަން ވިޔަފާރި އެއްބަސްވުން އައު ހަރުފަތަކަށް؛ ޓާމްސް އޮފް ރިފަރެންސްގަައި ސޮއިކޮށްފި
17 މާރިޗު 2026
|
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އެންމެ މަޤްބޫލު
ދިވެހިރާއްޖެއާއި އެކި ގައުމުތަކާއެކު އޮތް ވިޔަފާރިއާއި އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ބޭނުންވާ ޓާމްސްް އޮފް ރިފަރެންސްްގައި ދެ ގައުމުން ސޮއިކޮށްފިއެވެ.
ވިޔަފާރީގައި ޓާމް އޮފް ރިފަރެންސްއަކީ ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ކުރިން އެ އެއްބަސްވުމެއްގެ މައިގަނޑު ޝަރުތުތަކާއި އަސާސީ ސިފަތައް ހިމެނޭ ގޮތަށް އެކުލަވައިލެވޭ އޮނިގަނޑެކެވެ. ފަހުގެ މަރުހަލާތަކުގައި ކުރެވޭ މަޝްވަރާތަކަށް ފަހު ތަފުސީލު އެއްބަސްވުން އެކުލަވައިލެވޭއިރު އެ އެއްބަސްވުން ތައްޔާރުކުރެވޭނީ ޓާމްސް އޮފް ރިފަރެންސްގެ އިމުގެ ތެރޭގައެވެ.
2025 ވަނަ އަހަރުގެ ޖުލައި މަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށްފަހު ޓާމްސް އޮފް ރިފަރެންސް ތައްޔާރުކުރެވި އެ ޝަރުތުތަކަށް ދެ ގައުމުން އެއްބަސްވެ، އެ ޓީއޯއާރްގައި މިހާރު ސޮއިކުރެވިފައިވާކަން ހާމކުރީ އިންޑިޔާގެ ކޮމާސް މިނިސްޓްރީންނެވެ.
އިންޑިޔާއިން ހާމަކުރި ގޮތުގައި ރާއްޖޭގެ އިތުރަށް ފިލިޕީންސްއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ ޓީއޯއާރްއަށް އެއްބަސްވެފައިވެއެވެ.
ޓީއޯއާރްގައި ސޮއިކުރުމަށްފަހު ދެން ކުރިއަށްދާނެ މަސައްކަތަކީ، ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވައިލުމުގެ މަސައްކަތެވެ. ޓީއޯއާރްގައި ހިމެނޭ ޝަރުތުތަކުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުމަށްފަހު އެކުލަވައިލެވޭ މިނިވަން ވިޔަފާރީގެ މި އެއްބަސްވުންވާނީ ރާއްޖެއާ އެހެން ގައުމަކާއެކު ހެދޭ ދެވަނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށެވެ.
ރާއްޖެއިން ޗައިނާއާއެކު 2017 ވަނަ އަހަރު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް އެ އެއްބަސްވުމަށް އަމަލުނުކޮށް އޮންނަތާ އެތައް އަހަރެއް ފާއިތުވި ފަހުން އެ އެއްބަސްވުމަށް އަމަލުކުރަން ފެށީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހި ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެފައިވެއެވެ. އަދި އިންޑިޔާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރެވުމުން، ދުނިޔޭގެ އެންމެ ބޮޑު ދެ ބާޒާރުން ލިބެންހުރި ވިޔަފާރީގެ ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށް ފަހިވެގެންދާނެއެވެ.