ENGLISH
17 މާރިޗު 2026
ސާވޭތަކުން ފެންނަނީ ދެ އިންތިހާބު އެއް ދުވަހެއްގަައި ބާއްވަން %90 ރައްޔިތުން ތާއީދުކުރާކަން: ފަލާހު
17 މާރިޗު 2026
|
ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެނައި އަށްވަނަ އިސްލާހު ފާސްކުރުމުގެ ކުރިން ރާއްޖޭގައި އެ މައުޟޫއުގައި ހެދިފައި ހުރި ސާވޭތަކުން ދިވެހިންގެ 90 އިންސައްތަ ރައްޔިތުން މި ބަދަލަށް ތާއީދުކުރާކަން ހާމަވެފައިވާ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާލެ ސިޓީގެ މައްޗަންގޮޅީ އުުތުރު ދާއިރާގެ މަގާމުތަކަށް ކޮންގްރެސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް، ދެވަނަ ފަހަރަށް އެ ދާއިރާގެ ދޮރުން ދޮރަށް ހަރަަކާތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ދާއިރާއަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ފަލާހު ވިދާޅުވީ އިދިކޮޅު ޕާޓީތަކާއި ލީޑަރުން މި އިސްލާހަށް ދެކޮޅުހައްދަވަނީ ރާއްޖޭގެ ދުސްތޫރީ އަދި އިދާރީ ނިޒާމުގައި ހުރި އުނިކަންކަން އިސްލާހުކުރައްވައި ހައްލުކުރެއްވުމުގެ ހައްގު ސަނާއާއި ތާރީފު ރައީސް ޑރ.މުޢިއްޒަށް ލިބިވަޑައިގެންފާނެތީ ކަމަށެވެ.
ފަލާހު ވިދާޅުވީ މިހާރު މި ބަދަލާ ދެކޮޅުހައްދަވާ ބައެއް ބޭފުޅުންނަކީ، ހާއްސަކޮށް ރާއްޖޭގެ ކުރީގެ ރައީސުންގެ ތެރެއިން މިހާރު ބިލާ ދެކޮޅުހައްދަވާ ބައެއް ބޭފުޅުންނަކީ ކުރިން މި ބަދަލަށް ތާއީދުކުރެއްވި ބޭފުޅުން ކަމަށެވެ. ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި ފަލާހު ވިދާޅުވީ މީގެ ދެ މަހެއްހައި ދުވަސްކުރިންވެސް މިގޮތަށް ބަދަލުކޮށް ދެ އންތިހާބު އެއް ދުވަހެއްގަައި ބޭއްވުމަށް ވަކާލާތުކުރެއްވި ބޭފުޅަކު، ދެ މަސްފަހުން ކުއްލި ގޮތަކަށް މި ބަދަލާ ދެކޮޅުވެވަޑައިގަތީ ސިޔާސީ ގޮތުން ކޮންމެވެސް މަންފާއެއް ހާސިލުކުރެއްވުމަށްކަން ދިވެހި ރައްޔިތުންނަށް މިހާރު އެނގޭނެ ކަމަށެވެ.
"މީގެ ދެމަސްކުރިންވެސް ރާއްޖޭގެ ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ވިދާޅުވެފައި އެހުރީ، މިއީ ވަރަށް ބޮޑަށް ތާައީދުކުރައްވާ ވަރަށް ރަނގަޅު ކަމެކޭ. އެހެންނަމަވެސް ދެ މަސްފަހުން މިކަން ކަމުނުދިޔައީ، ސިޔާސީ ކޮންމެވެސް މަންފާއެއް ހޯދުމަށްކަން އެއީ މިކަން ކަމުނުދާތީ ނޫންކަން ރައްޔިތުންނަށް ވަރަށް ސާފުވާނެ،" ފަލާހު ވިދާޅުވިއެވެ.
އިތުރަށް ފަލާހު ވިދާޅުވީ ގާނޫނުއަސާސީ އެކުލަވައިލި މަރުހަލާގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތައުސީސީ މަޖިލިސްކަމަށްވާ ހާއްސަ މަޖިލީހުގެ މެންބަރުން މަސައްކަތްކުރެއްވިކަމަށެވެ. އަދި މިހާރު އޮންނަ މައި ތިން އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ވިސްނުން ކަމަށް ވިދާޅުވެ ބައެއް ރައީސުން މިފަހުންވެސް ކެމްޕެއިންކުރައްވާފައިވާކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"އެހެންވީމާ މިއަދު އަޅުގަނޑުމެންގެ މި ސަރުކާރުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ގައުމަށް މިގެންނަވާ ހެޔޮ ބަދަލުތަކާއި، ވެރިކަމުގެ ނިޒާމާއި ރައްޔިތުން ބާރުވެރިކުރުވުމުގެ މިނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް މިކުރައްވާ މަސައްކަތްޕުޅުގެ އެ ކްރެޑިޓް ލިބި ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް އޮންނަ މިންވަރު އިތުރުވާން ނޭދޭތީ މި އިސްލާހާ ދެކޮޅުހައްދަވަނީ،" ފަލާހު ތުހުމަތުކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ހެދުނު ސާވޭތަކުން ފެނުނީ 90 އިންސައްތަ ރައްޔިތުން މި ބަދަލަށް ތާއީދުކުރާކަން ކަމަށެވެ. އެއީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް ވަދެވަޑައިގަންނަވާ ބޭފުޅުންނަކީ ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން އޮންނަ ވޯޓަކުން އިންތިހާބުވާ މެންބަރުންނަށްވުމަކީ މުހިއްމު ކަމެއްކަމަށް ރައްޔިތުން ދެކޭތީ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ މީހުން ވޯޓުލުމަށް ނިކުންނަ އިންތިހާބަށްވާތީ އެ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުގައި ޝާމިލުވާ ރައްޔިތުންގެ އަދަދު އިތުރުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވަނީ ރައްޔިތުން އިންތިހާބުކުރާ މީހުންނަކީ ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުމާއެކު އިންތިހާބުވާ މީހުންނަށް ވުމެވެ.