ENGLISH

17 މާރިޗު 2026

Advertisement

ނަޢީމާ މޫސާގެ މަރުގެ މައްސަލަ: އިސްކޮށް ހުރިކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް ލުއި ދީފި

17 މާރިޗު 2026

|

އަޙުމަދު ޙަމީދު

ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޛް

ނ. މަނަދޫ، އަންނާރުމާގޭގައި، އެގޭ ނަޢީމާ މޫސާ މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޛްގެ ބަންދަށް ލުއިދޭން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދުމުން ކްރިމިނަލް ކޯޓުން އެ ފުރުސަތު ދީފި އެވެ.

އޭނާގެ ބަންދަށް ލުއިދޭން ޕީޖީން އެދުނީ ފަވާޛްގެ ޞިއްޙީ ޙާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެ އޮފީހުގެ ސަމާލު ކަމަށް ގެނައުމާއި ގުޅިގެންނެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އޭނާގެ ބަލި ޙާލަތާ ގުޅިގެން ޑޮކްޓަރުން ދީފައިވާ ލަފަޔާއި، ބަލީގެ ޙައްސާސް ކަމަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީން ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށް އަޅާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން، ގިނަ ޝަރުޠުތަކާއެކު އޭނާގެ ބަންދަށް ލުއިދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ.

1. ބަންދުން ދޫކޮށްލާފައި ހުންނައިރު ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން.

2. ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން. 

3. ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން. 

4. ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ޙާލަތް ފިޔަވައި އެނޫން ހުރިހާ ޙާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން. 

5. މާލެއިން ބޭރަށް ނުދިއުން.

6. މައްސަލާގައި ހެކިބަސްދޭނެކަމަށް ޤަބޫލުކުރެވޭ އެއްވެސް މީހަކާ މުޢާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުން. 

7. ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު މި އޮފީހަށާއި، ކްރިމިނަލް ކޯޓާ ޙިއްޞާކުރަމުންދިއުން. 

ޕީޖީ އޮފީހުން ބުނީ އެ ޝަރުޠުތަކަށް ފަވާޛް އެއްބަސްވެފައިވާތީ އާއި، އޭނާގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް، މި އޮފީހުން އެދިފައިވާގޮތަށް ގޮތަށް ޙަސަން ފަވާޛް ޝަރުޠުކޮށްފައި ބަންދުންދޫކޮށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ފަވާޛްގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކުރަމުން ގެންދާނެ ކަމަށާ އަދި އޭނާގެ މައްޗަށް ކޮށްފައިވާ ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ދައުލަތުން ވަނީ ފަވާޛްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އާއި ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ އުފުލާފަ އެވެ. ނައީމާ މޫސާ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވީ ފަވާޒު ކަމަށް ސާބިތު ކުރަން ދައުލަތުން ވަނީ ގިނަ ހެކިތަކެއް ވެސް ހުށައަޅާފަ އެވެ.

މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއިން ފެށިގެން ފަވާޛް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު