ENGLISH
17 މާރިޗު 2026
އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި އިސްތިއުފާނު ކޮށްފި
17 މާރިޗު 2026
|
ބައްސާމް ކޯޓު އަޑުއެހުމެއްގައި
އެންމެ މަޤްބޫލު
ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން ކަނޑައެޅިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1000،000 ޑޮލަރުގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުގެ ދެ އެޕަރޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާކަމަށާ، އެ ފައިސާއަކީ އެފްއޭއެމްއާއި އަމީން ކޮންސްޓްރަކްޝަންއާ ދެމެދު ކުރެވުނު ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއް ކަމަށް ސާބިތުވާ ކަމަށް ނިންމި ނިންމުން ދައުލަތުން ހައިކޯޓްގައި އިސްތިއުނާފު ކޮށްފި އެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1000،000 ޑޮލަރުގެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ހެކި ވަޒަންކޮށްގެންކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ. އަދި މި ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ދެކޭތީ، އެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
އެ އޮފީހުން ހައިކޯޓުގައި އެދިފައިވާނީ، ދަޢުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގައި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަންކޮށް، 1000،000 ޑޮލަރުގެ ޗެކާ ގުޅޭ މުޢާމަލާތަކީ މަނީ ލޯންޑްރިންގގެ ޢަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.
ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ މި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް މި އިސްތިއުނާފާ ގުޅިގެން އަސަރެއް ނުކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ. ސަބަބަކީ، ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ސާބިތުވެފައިވާ ދަޢުވާގައި އެފް.އޭ.އެމްގެ އެހެން ޗެކްތަކާއި ފައިސާ ހިމެނޭއިރު، އެ ފައިސާ ލޯންޑަރކޮށްފައިވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް އިސްތިއުނާފުގައި ތަޢުނުކޮށްފައިނުވާނެތީ ކަމަށް ވަނީ ބުނެފަ އެވެ.
އެއްމިލިއަން ޑޮލަރުގެ ޗެކާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް އެ ކޯޓުން ނިންމި ނިންމުން ވެސް ޕީޖީ އޮފީހުން ކުރީން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.