ENGLISH

17 މާރިޗު 2026

Advertisement

ފުވައްމުލަަކު ރައްޔިތުން ތިބީ ފޯރީގައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދު އެބައޮތް: މަސީހު

17 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

މަސީހު ފުވައްމުލަކުގައި ކެމްޕެއިން ކުރައްވަަނީ، ފޮޓޯ: ފޭސްބުކް

ފުވައްމުލަކު ސިޓީގެ ރައްޔިތުން ތިބީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ދިނުމަށް ފޯރިއާއި ޖޯޝާއެކު ތައްޔާރުވެގެންކަމަށާއި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްވެސް އެ ސިޓީގެ ގިނަ ރައްޔިތުން ތާއީދުކުރާ ކަމަށް ޕީއެންސީގެ ޓިކެޓްގައި ފުވައްމުލަކު މޭޔަރުކަމަށް ވާދަކުރައްވާ އަލީ މަސީހް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީން ކުރިއަށްގެންދާ "ދިވެހީންގެ ރާއްޖެ" ލައިވް ކަވަރޭޖުގައި ބައިވެރިވެވަޑައިގެން ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މަސީހު ވިދާޅުވީ ފުވައްމަލުކު ސިޓީއާއި ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގެ ރައްޔިތުން ތިބީ ވަރަށްް ބޮޑަށް ތަރައްގީއަށް ބޭނުންވެފައި ކަމަށެވެ. އަދި މިހާރު ރައްޔިތުން ގަބޫލުކުރަނީ ތަރައްގީއާއި ކުރިއެރުން ރަށްތަކާއި ސިޓީތަކަށް ގެނެސްދެވޭނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމުން ކަމަށްވެސް މަސީހު ވިދާޅުވިއެވެ. 

މަސީހު ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި ކެމްޕެއިން ހަރަކާތްތައް ޖޯޝާއި ފޯރިއާއެކު ކުރިއަށް އެބަދެއެވެ. ކޮންމެ ދުވަހަކުވެސް ގޭގެއަށް މަސީހުވެސް ހިމެނިވަޑައިިގަންނަވާ ގޮތަށް ކޮންގްރެސް ޕާޓީގެ ކެމްޕެއިން ޓީމުތައް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައި، ގާތުން ކެމްޕެއިިން ކަންކަން ކުރިއަށްގެންދަވަމުންދާ ކަމަށް މަސީހު ވިދާޅުވިއެވެ. 

"ރައްޔިތުން ބޭނުންވަނީ މި ފުވައްމުލަކަށް، މިރާއްޖެއަށް ތަރަައްގީ ގެންނަން. ރައްޔިތުންނަށް މިހާރު އެބަ އެނގޭ އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތްކޮށްގެންކަމަށް މިކަން ގެނެވޭނީ،" މަސީހު ވިދާޅުވިއެވެ. 

މަސީހު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އޭޕްރީލު ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް އިދިކޮޅުން އޮޅުވައިލި ނަމަވެސް އެކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ވިދާޅުވެދެއްވުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރައްވަމުންދާ ކަމަށެވެ. 

އެގޮތުން ދެ އިންތިހާބު އެއްކޮށްލަނީކަމަށް ބުނެ ފަތުރަމުންދާ ދޮގުތަކަށް ރައްުދުދެއްވައި ގެންނަ އިސްލާހަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުންކަމާއި، އެއީ އިންތިހާބުތައް މަސްހުނިކޮށް ގަޑުބަނޑުކުރުން ނޫންކަން ރައްޔިތުންނަށް ސާފުކޮށްދެއްވަމުން ގެންދަވާ ކަމަށް މަސީހު ވިދާޅުވިއެވެ. 

މަސީހު ވިދާޅުވީ މިހާތަނަށް ކުރެއްވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ގިނަ ރައްޔިތުން މިއަދު ތިބީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ރުހިގެން ކަމަށެވެ. އަދި އެކަމާމެދު އިދިކޮޅުން އުފައްދަމުންދާ އޮޅުންތައް ސާފުކޮށްދީ މި އިސްލާހަށް އިތުރަށް ތާއީދު ހޯއްދެވުމަށް މަސައްކަތްކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު