ENGLISH
17 މާރިޗު 2026
މީދޫގައި ގާއިމުކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި
17 މާރިޗު 2026
|
ރ.މީދޫ ހޮސްޕިޓަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެންމެ މަޤްބޫލު
ރ.މީދޫގައި ތަރައްގީކުރުމަށް ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލު އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.
އިއްޔެ މީދޫގައި އޮތް ރަސްމިއްޔާތެއްގައި މި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އޭނާގެ އަރިހުގައި މި މަސައްކަތް ހަވާލުކޮށްފަައިވާ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ނަޒީމާއި ރ.މީދޫ ހިމެނޭ މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ޒާހިރު ބައިވެވަޑައިގަތެވެ.
މީދޫގައި މިހާރު ހިންގަމުންދަނީ ހެލްތު ސެންޓަރެކެވެ. ސިއްހީ މަރުކަޒުގެ ބަދަލުގައި ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެކަަމަށް އެ ރަށު ރައްޔިތުންގެ އަރިހުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް ހޮސްޕިޓާ އެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ މޭ މަހުގައެވެ.
މީދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލުގައި އެ ފަންތީގެ ހޮސްޕިޓަލަކުން ލިބެންޖެހޭ އެންމެހައި ހިދުމަތްތަކެއް އެންމެ ރަނގަޅު ފެންވަރަށް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރެވިފައި ހުންނާނެއެވެ. ބަލިމީހުން ބަލާ ކޮޓަރިތަކާއި އޮޕަރޭޝަން ތިއޭޓަރާއި، ވިއްސާ ކޮޓަރި ފަދަ މުހިއްމު ގިނަ ވަސީލަތްތައް އެ ހޮސްޕިޓަލުގައި ހުންނާނެއެވެ.
ސަރުކާރުން އަންނަނީ އަތޮޅު ތެރެއިން ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މާލެއަށް ސިއްހީ ހިދުމަތްތައް ހޯދުމުގައި ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓާޝަރީ ފެންވަރަށް ބައެއް ހޮސްޕިޓަލުތައް ތަރައްގީކުރުމާއެކު، މިހާރު ހުރި ބައެއް ހޮސްޕިޓަލުތަކުގެ ޖާގަ ތަނަވަސްކުރުމާއެކު، އައު ހޮސްޕިޓާތައް އެޅުމާއި ސިއްހީ މަރުކަޒުތަކަށް އިމާރާތް އިތުރުކޮށް އައު ހިދުމަތްތަައް ތައާރަފުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މި ސަރުކާރުން އަންނަނީ ސިއްހީ ދާއިރާގައި ހުރި ޒަމާންވީ މައްސަލަތަކުގެ ތެރެއިން އުމްރާނީ ވަސީލަތާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް 170 އަށްވުރެ ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއު ހިންގަމުންނެވެ.