ENGLISH
17 މާރިޗު 2026
ދިގުރަށު އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި
17 މާރިޗު 2026
|
ދެ ޤައުމުގެ ލީޑަރުން
އެންމެ މަޤްބޫލު
އދ. ދިގުރަށުގައި 13 މާރިޗް 2026ގައި ހިނގި އަލިފާނުގެ ހިތާމަވެރި ޙާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތެއް ނިޔާވުމާއި، އިތުރު ދެ ރައްޔިތަކަށް އަނިޔާވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މި ނުރައްކާތެރި ޙާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، މި ހިތާމަވެރި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި، އެޤައުމުގެ ސަރުކާރަށާ، ރައްޔިތުންނާއި، ޚާއްސަކޮށް، ޙާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވައި، ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. އަދި، އެމަނިކުފާނާއި، ދިވެހި ރައްޔިތުން ތިބީ، މި ޙާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޙާދިސާގައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
އަދި، ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއްކަމަށާއި، މި ޙާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި ޙާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ޙާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.