ENGLISH
17 މާރިޗު 2026
އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުން އަތުން ހާއްސަ ޓެކުހެއް ނެގުމުން ސަލާމަތްކުރެއްވީ ރައީސް: ޝުޖާއު
17 މާރިޗު 2026
|
ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާ
އެންމެ މަޤްބޫލު
ފާއިތުވި އެމްޑީޕީ ސަރުކާރުގައި މާލެ ސިޓީގެ ރައްޔިތުން އަތުން ހާއްސަ ޓެކުހެއް ނެގުމަށް މަސައްކަތްކުރުމުން އެކަމުން އެ ރައްޔިތުން ސަލާމަތްކޮށްދެއްވީ އެއިރު މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލު އިންތިހާބަށް މައްޗަންގޮޅީ އުތުރު ދާއިރާގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ގާއިމުކުރި ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުޖާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހުގައި މާލޭ ރައްޔިތުންގެ އަތުން ގަނޑުކޮށް ޓެކުހެއް ނެގުމާމެދު މަޝްވަރާކުރެވުނު ކަމަށެވެ. އެ ޓެކުހަކީ މާލޭގައި އޮތް ތޮއްޖެހުމާ ގުޅުވައި، މިހާރު އެއްގަމު އުޅަނދުފަހަރުން ނަގާ ޓްރާންސްޕޯޓް ފީގެ އިތުރަށް ނެގުމަށް ނިންމި ފީއެއްކަމަށާއި، އެއަށް ކިޔަން ނިންމާފައި އޮތް ނަމަކީ "ކޮންޖެޝަން ފީ"ކަމަށް ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވި ގޮތުގައި ވަޒީރުންގެ މަޖިލީހުގައި މި ފީއާ ގުޅޭ ގޮތުން ވާހަކަދެއްކުމަށްފަހު ތައްޔާރުކުރެވުނު ކަރުދާހެއް ސިޓީ ކައުންސިލަށް ލިބުމާއެކު، އެ ފީ ނެގުމަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭނެ ކަމެއް ކަމުގައި ގަބޫލުކުރައްވައި، އެކަން ހުއްޓުވަން މަސައްކަތްކުރެއްވމަށް އެއިރު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި ރައީސް ޑރ.މުޢިއްޒު ނިންމެވިއެވެ.
"އެމްޑީޕީ ވެރިކަމުގެ ތެރޭގައި އުޅުނޭ މާލޭގެ ރައްޔިތުންގެ އަތުން ނުވަތަ މާލޭގެ ދިރިއުޅޭ ރައްޔިތުންގެ އަތުން ގަނޑުކޮށް ޓެކްސްއެއް ނަގަން. މީ ކެބިނެޓުގަ މަޝްވަރާ ކުރެވުނު ކަމެއް. އެ ޓެކްސްއަށް ކިޔަން އުޅުނީ "ކޮންޖެޝަން ފީ". ކެބިނެޓުގައި މަޝްވަރާކުރެވުނު ޕޭޕަރެއް މާލޭ ސިޓީ ކައުންސިލާ ހިއްސާ ކުރެއްވި. ރައީސް މުއިއްޒު އަޅުގަނޑު ގާތު އެދުނީ މިކަމަށް އެބަޖެހެޔޭ ތިމަން މަނިކުފާނުގެ ވިސްނުމާ އެއްގޮތަށް ރަނގަޅު އެއްޗެއް ތައްޔާރުކޮށްފައި، އަޅުގަނޑުމެން މިކަމާ ދޭތެރޭގަ ފުންކޮށް ވިސްނަން. އެގޮތުން މާލޭގެ ރައްޔިތުންގެ އަތުން އެމްޑީޕީ ސަރުކާރުން ނަގަން އުޅުނު މި ބޮޑު ޓެކްސް އެ މަނިކުފާނު ހުއްޓުވައިދެއްވި،" ޝުޖާ ވިދާޅުވިއެވެ.
ޝުޖާ އިތުރަށް ވިދާޅުވީ އެ ޓެކުސް ނެގުމާ ދެކޮޅަށް ވަރަށް ހިކުމަތްތެރިކަމާއެކު މަސައްކަަތްކުރައްވައި، ދުނިޔޭގައި ތޮއްޖެހުން ބޮޑެތި ގައުމުތަކުގައި ރައްޔިތުން އަތުން ފީތައް ނަގަމުންދާ ގޮތް ބައްލަވައި، އެފަދަ ފީއެއް މާލޭ ރައްޔިތުން އަތުން ނަގައިފިނަމަ ނުކުންނާނޭ އިގުތިސާދީ އަސަރުތައްވެސް ހިމަނުއްވައިގެން ކަރުދާހެއް އެކުލަވައިލައްވައި އެކަން ހުއްޓުވައިދެއްވީ ރައީސް ކަމަށެވެ.
"ރައީސް މުއިއްޒު އިސްވެ ޕޭޕަރެއް ތައްޔާރުކުރައްވާ، މާލޭގެ ރައްޔިތުންގެ އަތުން ގަނޑުކޮށް މި ޓެކްސް ނުނެގޭނެ ކަމަށް ވަކާލާތު ކުރައްވާ، އެ މަނިކުފާނު ބަސް އިއްވި ހިސާބުން ފެށިގެން ހަގީގަތުގައި މި ޓެކްސް މާލޭގެ ރައްޔިތުންގެ އަތުން ނުނެގި ދިޔައީ،" ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ރައީސް ވަކާލާތުކުރެއްވީ ދުނިޔޭގެ ތަހުޒީބު އެހެނިހެން ގައުމުތަކުގައި އަމަލުކުރާ ގޮތަށް ގަނޑުކޮށް ހުރިހާ ރައްޔިތުންގެ އަތުން އެފަދަ ފީއެއް ނެގުމުގެ ބަދަަލުގައި، އާއްމުކޮށް ތޮއްޖެހޭ ސަރަހައްދުތަކުން ވަކި ވަގުތެއްގައި ނޫނީ އެފަދަ ފީއެއް ނުނެގޭނެ ކަމަށެވެ.
ޝުޖާ ފާހަަގަކުރެއްވީ މާލޭ މޭޔަރުކަމުގައި ހުންނެވިއިރު، މާލޭ ރައްޔިތުންނށް ގެއްލުންވެދާނެ، އަދި ރައްޔިތުންގެ މަސްލަހަތުތަކަށް އުނިކަން އަތުވެދާނެ މިފަދަ ކޮންމެ ކަމަކާ ދެކޮޅަށް ނުކެމެވަޑައިގެން އެ ރައްޔިތުންގެ ދިފާއުގައި މާލޭގެ މޭޔަރުގެ ހައިސިއްޔަތުން ރައީސް ވަކާލާތުކުރެއްވިއެވެ.