ENGLISH

01 މާރިޗު 2026

Advertisement

މެދުއިރުމަތީގެ ހަމަނުޖެހުންތައް: އިގްތިސާދީ އިތުބާރުދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ

01 މާރިޗު 2026

|

އަޙުމަދު ޙަމީދު

މާލީ ވުޒާރާ --

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުންހިފަހައްޓައި، އިގްތިސާދީ އިތުބާރުދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާ އިން ބުނެފި އެވެ.

މާލީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް  ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން، މި ހާލަތުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ވުޒާރާއިން މެދުކެނޑުމެއްނެތި ކުރަމުންދާނެ ކަމުގެ ޔަޤީންކަންދޭ ކަމަށެވެ.

ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައިސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާ ގުޅިގެން ދާނީ ފިޔަވަޅުތަކެއް އަޅަމުން ކަމަށްވެސް ބުންޏެވެ.

ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށް ކަމަށްވުމާއެކު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް ވެސް އެ ވުޒާރާއިން ދަނީ ވަރަށް ބޮޑަށް ދިރާސާކުރަމުން ކަމަށް ބުންޏެވެ. އަދި މި ދިރާސާތަކުގެ އަލީގައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާއި، އާންމު ހިދުމަތްތައް މެދުނުކެނޑިފޯރުކޮށްދިނުމަށްޓަކައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ވަނީ ރޭވިފައި ކަމަށް ބުންޏެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައިހުރީ މީގެ ކުރީންރިޒާވް މަތިނުވާ މިންވަރެއްގައި ކަމުން، ބޭރު ދުނިޔެއިން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާހަމަޖެއްސުމަށާއި، އިގްތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަން ވެސް މާލީ ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަށާއި، ގައުމުގެ އިގްތިސާދީ ހަމަޖެހުންދެމެހެއްޓުމަކީ މާލީ ވުޒާރާއިން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށާ އަދި މިދަނޑިވަޅުގައި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުންހިފަހައްޓައި، އިގްތިސާދީ އިތުބާރުދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ ކަމުގެ ޔަޤީންކަން ވެސް މާލީ ވުޒާރާއިން ވަނީ ދީފަ އެވެ.        

ކިޔުންތެރިންގެ ހިޔާލު