ENGLISH
01 މާރިޗު 2026
ޚާމެނެއި އަވަހާރަކޮށްލައިފިން، އަމާޒުތައް ހާސިލުވަންދެން އީރާނަށް ބޮން އަޅާނަން: ޓުރަމްޕު
01 މާރިޗު 2026
|
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމިނާއީއާއި އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު
އެންމެ މަޤްބޫލު
އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމިނާއީ އަވަހާރަކޮށްލައިފިކަމަށާއި، އެމެރިކާއާއި އިސްރާއީލުގެ އަމާޒުތައް ހާސިލުވަންދެން އީރާނަށް ބޮން އެޅުމުގައި ދެ ގައުމުން ދެމިތިބޭނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ވިދާޅުވެއްޖެއެވެ.
ޓްރޫތު ސޯޝަލްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ޚާމިނާއީއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ ނުބައި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށް ސިފަކުރައްވައި ޓުރަމްޕު ވިދާޅުވީ އޭނާ އަވަހާރަކޮށްލެވިއްޖެކަމަަށެވެ. އަދި އެއީ އީރާނުގެ ރައްޔިތުންގެ އިތުރަށް ޚަމިނާއީއާއި އޭނާގެ އައުވާނުންގެ ހަމަލާތަކުގައި ދުނިޔޭގެ އެކި ގައުމުތަކުން މަރުވި މީހުންނަށް ހޯދައިދެވުނު އިންސާފެއްކަމަށްވެސް ޓުރަމްޕު ވިދާޅުވިއެވެ.
ޓުރަމްޕު ވިދާޅުވި ގޮތުގައި އެމެރިކާއާއި އިސްރާއީލުގެ އިންޓެލިޖެންސާއި އެ ދެ ގައުމުން ބޭނުންކުރާ މީހުން ހޯދައި ފާރަލުމުގެ ނިޒާމުތަކަށް ޚާމިނާއީއަށް ފިއްލަަވައި އެެއިން ރެކިވަޑައިނުގެންނެވުނެވެ. އަދި ޚާމިނާއީއާއި އޭނާގެ އަރިހުގައި ތިއްބެވި އީރާނުގެ ލީޑަރުންނަށް ސަލާމަތްވެވަޑައިގަތުމަށް ކުރެއްވުނު އެއްވެސް ކަމެއް ނެތްކަމަށްވެސް ޓުރަމްޕު ވިދާޅުވިއެވެ.
އަދި މިއީ އީރާނުގެ ރައްޔިތުންނަށް އެމީހުންގެ ގައުމު އަނބުރާ ހޯދުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތުކަމުގައި ފާހަގަކުރައްވަމުން ޓުރަމްޕު ވިދާޅުވީ އޭނާއަށް އެނގިވަޑައިގެންފައިވާ ގޮތުން އީރާނުގެ ރިވޮލޫޝަނަރީ ގާޑްއާއި، އަސްކަރިއްޔާއާއި ސަލާމަތީ ބާރުތަކުގެ ގިނަ ބަޔަކު ހަނގުރާމަކުރުމަށް އިންކާރުކުރަމުންދާ ކަމަށެވެ. އަދި އެމެރިކާގެ ކިބައިން ރައްކާތެރިކަމަށް އެމީހުން އެދެމުންދާ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ ކުރިންވެސް އިޝާރާތްކުރެއްވި ފަދައިން މިހާރު އަމާންދޭ އީރާނުގެ ސިފައިންނާ ފުލުހުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އަދި ރިވޮލޫޝަނަރީ ގާޑާއި ފުލުހުންނާއި ސިފައިން އީރާނު ރައްޔިތުންނާ ގުޅި އެގައުމު އަނބުރާ އެ ގައުމުގެ އިއްޒަތަށް އިއާދަކުރާނެ ކަމުގައި އުންމީދުކުރައްވާ ކަމަށް ޓުރަމްޕު ވިދާޅުވިއެވެ.
އެންމެ ދުވަހަކުން ޚާމިނާއީ އަވަހާރަކޮށްލެވުމުގެ އިތުރަށް އެ ގައުމުގެ ބޮޑު ބައެއް ސުންނާފަތިކޮށްލެވިފައިވާކަމަަށް ވިދާޅުވެ ޓުރަމްޕުވަނީ މި ހަފުތާ ނިމެންދެން ނުވަތަ މެދުއިރުމައްޗާއި ދުނިޔޭގައި ސުލްހަ ގާއިމުކުރުމުގެ އަމާޒުތައް ހާސިލުވަންދެން އީރާނަށް ބޮމުގެ ހަމަލާތައް ދެމުންދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.