ENGLISH
21 ފެބްރުއަރީ 2026
މި މަހު، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށް މަގު ތަރައްގީކުރަން ފަށާނެ
21 ފެބްރުއަރީ 2026
|
ބޮޑުތަކުރުފާނު މަގުގެ ދެ ވަނަ ސެގްމެންޓު ނިންމައި އާއްމުންނަށް ހުޅުވާލާފައި. އެ މަގުގެ ބާކީ ބައިގެ މަސައްކަތް މި މަހު ފަހުކޮޅު ފަށާނެ. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ބޮޑުތަކުރުފާނު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްޤީ ކުރުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައި ނެތް ސަރަހައްދުތައް ތަރައްގީކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް ދެ ސެގްމެންޓެއްގެ މަސައްކަަތް މިހާރުވަނީ ނިންމާލާފައެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިމާރާތުން ފެށިގެން ޖުމްހޫރީ މައިދާނުގެ މެދާ ހަމައަށް ހުރި މަގު ފުޅާކޮށް ހަތަރު ލޭނު ތަރައްގީކޮށްފައިވެއެވެ. އޯގަސްޓު 22، 2025 ގައި ފެށި އެ މަސައްކަތް ނިންމައިލީ ފާއިތުވި އަހަރުގެ ޑިސެންބަރު މަހުއެވެ.
ދެ ވަނަ ސެގްމެންޓުގެ މަސައްކަތް ނިންމާލުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އަލަށް ތަރައްގީކުރި ސަރަހައްދުގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަައުދީ ވިދާޅުވެފައިވަނީ އިއްޒުއްދީން ފާލަމުން ފަށައިގެން އިރަށް ހެންވޭރު ޓާމިނަލާ ހަމައަށް މަގު ތަރައްގޚުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އެގޮތުން އެމްޓީސީސީއިން މިހާރު ނިންމާފައިވަނީ މި މަހުގެ ފަހުކޮޅު މި މަސައްކަތް ފެށުމަށެވެ.
"ރަމަޟާން މަސް ތެރޭގައި އެކަން ވެސް ފައްޓައިގެން، ޝީޓްޕައިލްގެ މަސައްކަތް ފައްޓައިގެން ކުރިއަށް ދާނެ. ގޮސް ގާތްގަނޑަކަށް އޭޕްރީލް މެއި ހިސާބަށް ވާންވާއިރަށް އަޅުގަނޑަށް ހީވަނީ މުޅި މަގު ނިންމާލެވޭނެހެން މިހާރު ޝެޑިއުލް ކުރެވިފައިވާ ގޮތުން،" ދެ ވަނަ ސެގްމެންޓުގެ މަސައްކަތް ނިންމައި ދެއްވި ބަސްދީގަތުމުގައި ސައުދީ ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.
އަލަށް ފަށާ ފިޔަވަހީގައި 600 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 700 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.
ބޮޑުތަކުރުފާނުގެ މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 400 ދުވަހުންނެވެ. މަސައްކަތުގެ އަފަކީ 144 މިލިއަން ރުފިޔާ އެވެ.
ފުރަތަމަ ސެގްމެންޓުގެ މަސައްކަތާ އެކު ވެސް އެ ސަރަޙަށްދަށް ލުއިފަސޭހަކަން ވަނީ ލިބިފަ އެވެ. މީގެކުރިން ކާރޫބާރޫ ބޮޑު އެ ސަރަޙައްދުގައި މިހާރު ޓްރެފިކް ނޯންނައިރު، ވިޔަފާރިވެރިންނަށް ވެސް ބޮޑު ފަސޭހައެއް ވަނީ ވެފަ އެވެ.