ENGLISH

21 ފެބްރުއަރީ 2026

Advertisement

ކަރެޝްޝަންސްގެ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް، އާ ޕޯޓަލް މާދަމާ ބޭނުންކުރަން ފަށާނެ

21 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ކަރެކްޝަނަލް ސަރވިސްއިން ބޭއްވި ސެޝަނެއްގެ ތެރެއިން. އެ އިދާރާގެ އާ ޕޯޓަލް މާދަމާ ބޭނުންކުރަން ފަށާނެ. ފޮޓޯ: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ކަރެކްޝަންސް) އިން ދޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން އަލަށް ތައާރަފްކުރާ "މައި އެމްސީއެސް" ޕޯޓަލް މާދަމާ ބޭނުންކުރަން ފަށާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ. 

އާ ޕޯޓަލްގެ މައުލޫމާތު ކަރެކްޝަންސްއިން މިއަދު ވަނީ މީސްމީޑިއާގައި އާއްމުކޮށްފައެވެ. އެގޮތުން، ކަރެކްޝަންސްއިން އާއްމުކުރި ވީޑިއޯ ޕޯސްޓުގައި ބުނެފައިވަނީ، މާދަމާ ފަށާ އާ ޕޯޓަލްއާއެކު ކުށުގެ ރެކޯޑް ސާފުކުރުމަށް އޮންލައިންކޮށް އެދެވޭނެ ކަމަށެވެ. އަދި، ޖަލުގައި ތިބި ފަރާތްތަކާއި އެފަރާތްތަކުގެ ޤާނޫނީ ވަކީލުން އަދި އާއިލާއިން ބައްދަލުކުރުމަށް ހުށަހެޅޭ ގޮތަށް ވެސް ވަނީ ހަދައިފައެވެ. 

އެ އިދާރާއިން ބުނީ "މައި އެމްސީއެސް" ޕޯޓަލްގެ އިތުރުން، އެ އިދާރާގެ ވެބްސައިޓްއިން އީފާސް މެދުވެރިކޮށް ލޮގިންވުމުން ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި، ލޮގިން ވުމަށްފަހު، ޤައިދީން ނުވަތަ ބަންދު މީހާއާ އޮތް ގުޅުން ކަށަވަރުކުރުމަށާއި، ރެޖިސްޓަރ ކުރުމަށް ލިޔެކިޔުންތައް ފޮނުވޭނެ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

ކަރެކްޝަންސްއިން ބުނީ، ކުރީގެ އީ-ސަރވިސް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެފައިވާ ފަރާތްތައް އާ ޕޯޓަލްގައި އަލުން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. އަދި، 2026 ފެބްރުވަރީ 19 ވަނަ ދުވަހުން ފެށިގެން ކުރީގެ އީ-ސަރވިސް ޕޯޓަލް މެދުވެރިކޮށް ފޮނުވާ އެއްވެސް ހުށަހެޅުމެއް ބަލައިނުގަންނާނެ ކަމަށް ވެސް އެ އިދާރާއިން އާއްމުކުރި ވީޑިއޯ ޕޯސްޓުގައި ބުނެފައިވެއެވެ. 

ކަރެކްޝަންސްގެ ޚިދުމަތްތައް ހަރުދަނާކޮށް، އެތަނުން ދޭ ޚިދުމަތްތައް އިތުރުކުރުމަށްޓަކައި މިދިޔަ ދެ އަހަރު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. 

މި ރަމަޟާން މަހަށް ބަލާއިރު، ކަރެކްޝަންސްއިން ވަނީ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދުކުރުމަށާއި، ޤައިދީންނާއި ބަންދު މީހުންނަށް ދީނީ ސެޝަންތައް ކުރިއަށްގެންދިއުމަށް ހާފިޒުން ހަމަޖައްސައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު