ENGLISH

21 ފެބްރުއަރީ 2026

Advertisement

ޕީއެންސީގެ އެންމެ ވަރުގަދަ ބުންވަރަކީ ރައީސްގެ މުރާލިކަން: އާދަމް ޝަރީފް

21 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ޙަފްލާގައި ވާހަކަދައްކަވަނީ. ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެންމެ ވަރުގަދަ ބުންވަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުރާލިކަން ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ އެ ޕާޓީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ. 

ކުރިއަށް އޮތް އިންތިޚާބުގައި ކެންޑިޑޭޓުން މުޅި ރާއްޖޭގައި ހަރަކާތްތެރިވަމުންދާކަމަށާއި، އެގޮތުން މާލޭގައި ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވުމަކީ، އެ ޕާޓީގެ އެއްބައިވަންތަކަމާއި ރައީސުލްޖުމްހޫރިއްޔާގެ މުރާލިކަން ފެނިގެންދާ ކަމެއްކަމަށް ވިދާޅުވިއެވެ. 

"އިއްޔެ (ބުރާސްފަތި ދުވަހު) އަޅުގަނޑުމެންގެ ޕާޓިީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޯޓުޑޯ ފައްޓަވާފަ. އެމަނިކުފާނުގެ އެ ހަރަކާތްތަކުން އެކަނިވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ އަޅުގަނޑުމެންގެ ޕާޓީގެ ހިންގުމާއި އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ މުރާލިކަން. އަޅުގަނޑުމެންގެ ޕާޓިގެ އެންމެ ވަރުގަދަ ބުންވަރަކީ ރައީސުލްޖުމްހޫރިއްޔާގެ މުރާލިކަން." - އާދަމް ޝަރީފް އުމަރު

އާދަމް ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ދައްކަވާ އެ ހިތްވަރަށް، އެމަނިކުފާނަށް އައްސަރިބަހާއި ސާބަސް ދަންނަވައިފައެވެ. 

އާދަމް ޝަރީފް މިފަދައިން ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފައެވެ. އެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް ގޭބިސީތަކަށް ޒިޔާރަތްކުރެވުމުގެ އިތުރުން މަގުމަތިން ބައެއް ފަރާތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ. 

ރޭގެ ޙަފްލާގައި އަންހެން ބޭފުޅުން ގިނައިން ތިބިކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ޕީއެންސީއަކީ އަންހެނުންގެ ހިއްސާ އޮންނަން ޖެހޭނެކަން ޤަބޫލުކޮށް، މަގުދައްކައިދީގެން އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދޭ ޕާޓީއެއް ކަމަށެވެ. އަދި، ރޭގެ ރަސްމިއްޔާތުގައި ވެސް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވަޑައިގެން ހަރަކާތްތެރިކޮށް އުޅުއްވުމުން ފެނިގެންދަނީ، އެކަމަނާގެ ފަހަތްޕުޅުން ވަރުގަދަ ޓީމެއް އެކުލަވާލެވިގެންދާތަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. 

 މާފަންނު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޙަފްލާގެ ތެރެއިން. ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް އިންތިޚާބުގައި ފެނިގެންދަނީ ޕީއެންސީއަށް 80 އިންސައްތަ ކާމިޔާބުވާތަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭގެ ހެއްކަކީ އިންތިޚާބަކާ ނުލައި 70 އަށް ވުރެ ގޮނޑި އެ ޕާޓީއަށް ލިބުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭގެން ދައްކުވައިދެނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަ މިންވަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީއަށް ވޯޓުލާންޖެހޭ ސަބަބަކީ ސަރުކާރުގެ ސިޔާސަތުތައް ފަސޭހައިން ތަންފީޒުކުރުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެގޮތުން، ކައުންސިލްތަކުގައި ހަރުދަނާ ބަޔަކު ތިބުން މުހިއްމުކަމާއި، ސަރުކާރުގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކައުންސިލަރުން އިންތިޚާބުކުރެވިއްޖެ ނަމަ އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. 

އިންތިޚާބަށް ޕާޓީގެ ތައްޔާރީތައް އޮތީ ފުރިހަމަކޮށް ކަމަށާއި، އެހެން ޕާޓީއަކަށް އެމަސައްކަތް ނުކުރެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އިންތިޚާބަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ރަށްރަށަށް ފޮނުވުމުގެ ތައްޔާރީތައް ފަށާފައިވާކަމަށް ވިދާޅުވެ އާދަމް ޝަރީފް ވަނީ، އެކަމުގައި އިސްކޮށް އުޅުއްވާ ކެމްޕޭން މެނޭޖަރު އަދި ޕީޖީ ލީޑަރު އިބްރާހީމް ފަލާޙާއި ޕީއެންސީގެ މުޅި ޓީމަށް ޝުކުރުއަދާކުރައްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު