ENGLISH
21 ފެބްރުއަރީ 2026
ފަހުން އިއުލާނުކުރި ރީ-ރަޖިސްޓްރޭޝަން ފުރުސަތު މާދަމާ ހަމަވާނެ
21 ފެބްރުއަރީ 2026
|
ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އެންމެ މަޤްބޫލު
އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި ފަހު ފުރުޞަތު މާދަމާއަށް ހަމަވާނެއެވެ.
ރީ-ރަޖިސްޓްރީ ވުމަށް އިތުރު ފުރުޞަތެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނިންމުމާ ގުޅިގެންނެވެ. އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކު، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ވެސް ނެގުމަށް ވަނީ ނިންމައިފައެވެ. އެއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ނިންމާ ގޮތެއް ބެލުމަށް ނަގާ ވޯޓެކެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށްޓަކައި ކުރިން ހުޅުވާލި މުއްދަތު އިތުރުކޮށްފައެެވެ.
އެ ކޮމިޝަނުން މުއްދަތު އިތުރުކޮށްފައިވަނީ، 22 ފެބްރުއަރީ ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 03:00 އާ ހަމައަށެވެ. އެހެންކަމުން މާދަމާއަކީ ރީ-ރަޖިސްޓްރީވުމުގެ ފަހު ދުވަހެވެ.
މި މުއްދަތުގައި ރަޖިސްޓްރީ ވުމަށް ހުށައަޅާނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ރައްޔިިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތް ކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވާ މީހުން މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ޗެކްކޮށް، ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ސަމާލުކަން ދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އެ ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު، ޗެކްކުކުރުމަށް ބޭނުންވާ ފަރާތްތަކުން VR (Space) NID ޖެއްސެވުމަށް ފަހު 1414 އެސް.އެމް.އެސް ފޮނުވުމުން ޗެކްކުރެވޭނެއެވެ. ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 1414 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އީސީއިން ވަނީ އެދިފައެވެ.