ENGLISH
18 ފެބްރުއަރީ 2026
ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި
18 ފެބްރުއަރީ 2026
|
ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓްރީ ވުމަށް ފަސް ދުވަސް ވަނީ ދީފައި. ފޯޓޯ؛ އިލެކްޝަން ކޮމިޝަން
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.
ކޮމިޝަނުން ބުނީ މި މުއްދަތުގައި ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތައް އެކަނިކަމަށެވެ.
ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހެޅޭނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިން ކޮށެވެ.
ކޮމިޝަނުން ބުނީ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ލައިވް ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށެވެ. 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.
ގާނޫނޫ އަސާސީއަށް ގެންނަ އަށް ވަނަ އިސްލާހު ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓު ނަގާއިރު، މި ވޯޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ނިންމަވާފައެވެ.
މި ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީހަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ އަންނަ އެޕްރީލު މަހުގެ ހަތަރެއް ވާ ހޮނިހިރު ދުވަހެވެ.