ENGLISH

18 ފެބްރުއަރީ 2026

Advertisement

ބަންގުލަދޭޝަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ރާއްޖެއަށް ވަޑައިގެންފި

18 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުޢިއްޒު ބަންގުލަދޭޝްގެ އައު ބޮޑުވަޒީރާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބަންގުލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މެންދުރުފަހު ރާއްޖެއަށް އެނބުރި ވަޑައިގެންފިއެވެ. 

ރައީސް ބަންގުލަދޭޝަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގައި ބޭއްވި އާއްމު އިންތިހާބު ކާމިޔާބުކުރައްވައި ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ޠާރިޤް ރަޙްމާނު މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. 

މި ދަތުރުފުޅުގައި ރައީސް ވަޑައިގަތީ ބަންގުލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޕްރޮފެސަރ މުޙައަމްދު ޔޫނިސް ދެއްވި ދައުވަތުފުޅަކަށެވެ. 

މި ދަތުރުފުޅުގައި ރައީސްވަނީ ބޮޑުވަޒީރު ޠާރިޤު މަގާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެއަށްފަހު އެމަނިކުފާނުވަނީ ބަންގުލަދޭޝްގެ އައު ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ. 

އަދި މި ބައްދަލުވުމުގައި ދެ ލީޑަރުންވެސްވަނީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ތާރީހީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެކީ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފއެވެ. 

މި ދަތުރުފުޅަކީ ރައީސް ޑރ.މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބަންގުލަދޭޝަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. 

ރާއްޖޭގައި މަސައްކަަތްކުރުމަށް ބަންގުލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭއިރު، އެ ގައުމުގައި މެޑިސިން ކިޔެވުމަށާއި، އެކި ގައުމުތަކުން މެޑިސިން ކިޔެވުމަށްފަހު އިންޓާންޝިޕް ފުރިހަމަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެއެވެ. އަދި އެ ގައުމަކީ ރާއްޖެއަށް ބައެއް މުދާ އިމްޕޯޓުކުރާ ވިޔަފާރީގެ މުހިއްމު ގުޅުން އޮތް ގައުމެއްވެސްްމެއެވެ. އަދި ރައީސްގެ ވެރިކަމުގައި ފަށައިގެން ފުޅާކުރަމުންދާ ސީ-ޓު އެއާ ކާގޯ ހިދުމުތުގައި ރާއްޖެއިން ބޭރުކުރާ ގިނަ މުދަލަކީ ބަންގުލަދޭޝްގައި އުފައްދާ އަންނައުނެވެ. 

ކިޔުންތެރިންގެ ހިޔާލު