ENGLISH
18 ފެބްރުއަރީ 2026
އިސްލާމީ މުފައްކިރުންގެ ތެރެއިން (3)؛ ޤުރުއާނުގެ ފައިލަސޫފް މުޙައްމަދު ޢަބްދުﷲ އައްދައްރާޒް
18 ފެބްރުއަރީ 2026
|
ޑރ.މުޙައްމަދު ޢަބްދުﷲ ދައްރާޒް
އެންމެ މަޤްބޫލު
ޢައްލާމާ ޑރ.މުޙައްމަދު ޢަބްދުﷲ ދައްރާޒް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިޞްރުގެ ކަފްރުއް ޝައިޚުގައި 1894 ވަނަ އަހަރުއެވެ. އޭނާގެ އާއިލާއަކީ އިލްމުވެރި ވަރައުވެރިކަމާއި ޒުހުދުވެރިކަމާއި ދީލަތިކަމަށް މަޝްހޫރު އާއިލާއެކެވެ. ޑރ.މުޙައްމަދުގެ ބައްޕާފުޅު ޢަބްދުﷲ ދައްރާޒަކީ އަޒްހަރުގެ މަޝްހޫރު އިލްމުވެރިއެކެވެ. އޭނާގެ އިލްމީ ހިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ހިދުމަތަކީ އަލްއިމާމް އައްޝާޠިބީގެ "މުވާފަޤާތު" ނަމަކަށް ކިޔުނު ފޮތުގެ ޝަރަޙައެއް ލިޔުއްވުމެވެ.
އުމުރުފުޅުން ދިހަ އަހަރު ފުރިހަމަނުވަނީސް ކީރިތި ޤުރުއާން ހިތްޕުޅުން ދަސްކުރެއްވި މުޙައްމަދު ޢަބްދުﷲ ދައްރާޒް ތަރުބިއްޔަތުވެވަޑައިގަތީ ޤުރުއާނަށް ލޯބިކުރެއްވުމުގެ މަތީގައެވެ. އަޒްހަރުގެ ޢަލަމީ ސަނަދު 1916 ވަނަ އަހަރު ހާސިލުކުރެއްވުމަށްފަހު އެ ޔުނިވަސިޓީގެ މުދައްރިސެއްގެ ގޮތުގައި 1928 ވަނަ އަހަރު މަސައްކަތްކުރައްވަން ފެއްޓެވިއެވެ. 1936 ވަނަ އަހަރު ޙައްޖަށް ވަޑައިގަތެވެ. ހަމަ އެ އަހަރު ފަރަންސޭސިވިލާތުގެ އެންމެ މަޝްހޫރު ޔުނިވަސިޓީ ކަމުގައިވާ ސޯބޯން ޔުނިވަސިޓީގައި ކިޔަވައިވިދާޅުވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ.
އެ ފުރުސަތުގައި ފަރަންސޭސިވިލާތަށް ވަޑައިގެން އެ ގައުމުގައި ކިޔަވައިވިދާޅުވުމުގައި ހޭދަކުރެއްވި 12 އަހަރު ތެރޭ ހުޅަނގުގެ ފިކުރުތަކާއި ފަލްސަފާތަށް އޭގެ އަސްލު މަސްދަރުތަކުން އުނގެނިވަޑައިގަތެވެ. އެ ދުވަސްވަރު ޑރ.މުޙައްމަދުގެ މައިގަނޑު މަސައްކަތްޕުޅަކަށް ހެއްދެވީ ހުޅަނގުގެ ފަލްސަފާތަކާއި ކީރިތި ޤުރުއާނުގައި ހިމެނޭ އަޚުލާޤީ އުޞޫލުތަކުގެ މެދުގައި އަޅައިކިޔުއްވުމެވެ.
ޑރ.މުޙައްމަދުގެ ޕީއެޗްޑީ ތީސިސްގެ މައުޟޫއަކީ ޤުރުއާނުގެ އަޚުލާޤެވެ. މި އިލްމީ ދިރާސާވީ ފަރަންސޭސިވިލާތުގެ އެންމެ ބޮޑެތި މުސްތަޝްރިގުންގެ ތާރީފު ލިބުނު އިލްމީ މަސައްކަތަކަށެވެ. އެ ދިރާސާއަށް ތާރީފުކުރެއްވި މުސްތަޝްރިގުންގެ ތެރޭގައި ލިޔޯ މާސިނިއޯން އަދި ލެވީ ޕްރޮފެންސާލް ފަދަ ބޮޑެތި ދާރިސުން ހިމެނެއެވެ.
މިޞްރަށް އެނބުރި ވަޑައިގަތުމާއެކު 1949 ވަނަ އަހަރު އެ ގައުމުގެ ބޮޑެތި އިލްމުވެރިންގެ ކޮމިޓީގެ މެންބަރުކަމަށް އޭނާ އައްްޔަންކުރެވުނެވެ. އަހުލާގީ ފަލްސަފާއާއި ތަފުސީރާއި ދީންތަކުގެ ތާރީހު ފަދަ މާއްދާތައް މިސްރުގެ ބޮޑެތި ޔުނިވަސިޓީތަކުގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ.
ދަރާޒް ދުނިޔެ ދޫކުރެއްވި ޕާކިސްތާނުގެ ލާހޯރުގައި 1958 ވަނަ އަހަރުއެވެ. އެއީ އެ ގައުމުގައި އިސްލާމީ ސަގާފަތާ ގުޅޭ ކޮންފަރެންސެއްގަައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.
ފެންނަ ފެނުމުގައި ދަރާޒް އާއިލާއާއި މަޣުރިބާ ދެމެދުގައި އޮތީ ގާތް ގުޅުމެކެވެ. ފަހަރުގައި އެ ގުޅުމުގެ އަސްލަކީ އެ އާއިލާއަކީ ފިގުހީ ގޮތުން މާލީކީ މަޛުހަބު އިހުތިޔާރުކޮށްފައިވާ އާއިލާއަކަށްވުން ކަމަށްވެދާނެއެވެ. އެ ގުޅުމުގެ އެއް ހެއްކަކީ މާލިކީ މަޛުހަބުގެ ބޮޑު އިލްމުވެރިއެއް ކަމުގައިވާ އައްޝާޠިބީގެ މުވާފަގާތު ޝަރަހަކުރެއްވުމުގައި ޑރ.މުޙައްމަދު ދައްރާޒްގެ ބައްޕާފުޅު އައްޝައިޚް ޢަބްދުﷲ ދައްރާޒް ބެހެއްޓެވި ފަރުވާތެރިކަމާއި ދެއްވި ސަމާލުކަމެވެ. އެއަށްފަހު ޑރ.މުޙައްމަދުވަނީ މުވާފަގާތުގެ ތަހުގީގެއް އެކުލަވައިލައްވައި، އައްޝާޠިބީގެ އިތުރު ފޮތެއް ކމުގައިވާ އަލްއިއުތިސާމާ ބެހޭ ދިރާސާއެއް ލިޔުއްވާފއެވެ. އަދި އެ ފޮތުގައި އެކުލެވޭ ފިކުރުތަކަށް އައު ދިރުމެއް ގެންނެވުމަށްޓަކައި، "ސުންނަތާއި ބިދުއައިގެ މެދުގައި ތިލަފަތްހަމަކުރުން" ނަމުގައި ފޮތެއް ލިޔުއްވަން ފެއްޓެވިއެވެ. ނަމަވެސް އެ ފޮތް ނިންމަވައިނުލެއްވެނީސް އަވަހާރަވީއެވެ.
ފިކުރީ ގޮތުން މުޙައްމަދު އަބްދުﷲ ދަރާޒްއާ މަޣުރިބުގެ ގުޅުން ބަދަހިވި އިތުރު އެއް ސަބަބަކީ ފަރަންސޭސިވިލާތުގައި ކިޔަވައިވިދާޅުވާން ހުންނެވި ދުވަސްވަރު އަލްޖަޒާއިރުގެ މުފައްކިރު މާލިކް ބިން ނަބީއާ ބައްދަލުވެވަޑައިގެން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ގާތްކަމާއި އެކުވެރިކަމެވެ. ދެ ބޭފުޅުންގެ ގާތްކަމުގެ އެއް އަސާސަކީ އިސްކަންދެއްވާ ފިކުރީ މައުޟޫއުތަކުގެ އެއްގޮތްކަމެވެ. ހާއްސަކޮށް ގުރުއާނާ ގުޅޭ ދިރާސާތައް އައު މަރުހަލާއަކަށް ގެންދެވުމަށް ދެ ބޭފުޅުން ވިސްނަވާ ވިސްނެވުމެވެ.
މާލިކް ބިން ނަބީގެ އެންމެ މުހިއްމު އެއް ފޮތަކީ "އައްޡާހިރަލް ޤުރުއާނިއްޔާ" އެވެ. އެ ފޮތުގައި ހުރި ފިކުރުތަކާއި މުޙައްމަދު ޢަބްދުﷲ ދައްރާޒްގެ "އައްނަބައުލް ޢަޡީމް" އަދި "މަދުޚަލް އިލަލް ޤުރުއާނިލް ކަރީމް" ގައި އެކުލެވޭ ފިކުރުތަކުގެ މެދުގައި ހުރި ގާތްކަމުން ދެ ބޭފުޅުންގެ ފިކުރުގެ އެއްގޮތްކަން ސާފުވެއެވެ.
ދައްރާޒްގެ ފިކުރަށް ބަލާއިރު އޭނާއަކީ "އަޒްހަރުގެ އަދި ސޯބޯންގެ ދަރި"އެކެވެ. މާނައަކީ ދައްރާޒަކީ އިސްލާމީ ފިކުރާއި ވިސްނުމާއި އިލްމާއި، ހުޅަނގުގެ ފިކުރާއި އިލްމާއި ވިސްނުންތައް އެއްކުރައްވައިގެން ހުންނެވި ޝާމިލު މުފައްކިރެއް ކަމެވެ. ފުންކޮށް އިސްލާމީ ސަގާފަތް ކިވައިވިދާޅުވި ފަދައިން ފުންކޮށް ހުޅަނގުގެ ސަގާފަތް އުނގެނިވަޑައިގަތުމުގެ ފުރުސަތު ދައްރާޒަށް ލިބިވަޑައިގަތެވެ. އެއީ އެ ޒަމާނުގައި ވަރަށް މަދު ދީނީ އިލްމުވެރިއަކަށް ލިބިވަޑައިގަތް ފުރުސަތެކެވެ.
އަލްޣަޒާލޯއާއި އަލްޙަކީމުއް ތިރުމިޛީއާއި އެހެނިހެން ބޮޑެތި ދީނީ އިލްމުވެރިންގެ ރޫހާނީ މަސައްކަތްތައް ދިރާސާކުރެއްވި ގޮތަށް ޑޭކާޓާއި، ކާންޓާއި ހުޅަނގުގެ އެހެނިހެން ފަލްސަފާވެރިންގެ ލިޔުއްވުންތައް ދިރާސާކުރެއްވިއެވެ. އެކަމުގެ ސަބަބުން އޭނާގެ އުދަރެސް ތަނަވަސްވެ، ތަހުލީލުތައް ފުންވެ، ދަލީލު ދެއްކެވުން ކަވިވެގެންދިޔައެވެ.
ދައްރާޒުގެ ޙަޔާތްޕުޅުގައި ކުރެއްވި ހުރިހާ މަސައްކަތްޕުޅެއްގެ ފަހަތުގައި އޮތީ އެންމެ ކަމެކެވެ. އޭނާގެ ހިތްޕުޅުގައި ކީރިތި ޤުރުއާނަށް އޮތް އިންތިހާ ލޯތްބެވެ. އަމަލީ ގޮތުން އަދި އިލްމީ ރޮނގުން ކުރެއްވި ގިނަ މަސައްކަތްޕުޅަކީ ގުރުއާން ދިރާސާކުރެއްވުމާއި ގުރުއާނުގެ ފިކުރުތައް ފެތުރުއްވުމުގެ މަސައްކަތްޕުޅެވެ. ހަގީގަތުގައިވެސް ޑރ.މުޙައްމަދު ޢަބްދުﷲ ދަރާޒަކީ ޤުރުއާނުގެ މީހާއެވެ.
ޑރ.މުޙައްމަދާއެކު ދިރިއުޅުއްވި އޭނާގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅުން ލިޔުއްވާ ގޮތުން ލިބިވަޑައިގަތް ކޮންމެ ހުސް ވަގުތެއް އޭނާ ހޭދަކުރެއްވީ ކީރިތި ޤުރުއާން ކިޔަވައިވިދާޅުވުމުގައެވެ. ޤުރުއާން ކިވައިވިދާޅުވާއިރު، ކިވައިވިދާޅުވާ އާޔަތްތަކާމެދު ވިސްނުންފުޅުގައި ދައުރުވާ މުހިއްމު ފިކުރުތައް ލިޔުއްވަމުން ނޯޓުކުރައްވަމުން ގެންދެވިއެވެ.
އޭނާގެ ހިތްޕުޅުގައި ޤުރުއާނަށް ޚިދުމަތްކުރުމުގެ ޝައުގުވެރިކަން ހުރި މަތީ މިންވަރުގެ މައްޗަށް ދަލީކުރާ އެއް ކަމަކީ ޢައްލާމާ ޑރ.މުޙައްމަދު ދައްރާޒް ލިޔުއްވި ފޮތްތަކާއި އެކުލަވައިލެއްވި އިލްމީ މަސައްކަތްޕުޅުތަކުގެ ތެރެއިން ދެތިން ފޮތެއް ފިޔަވައި ދެން ކުރެއްވި ހުރިހާ މަސައްކަތްޕުޅަކީވެސް ޤުރުއާނާ ގުޅުންހުރި މަސައްކަތްޕުޅެވެ.
ޑރ.މުޙައްމަދުވަނީ ޤުރުއާން ދިރާސާކުރައްވަައި މުސްލިމު ފަރުދުންނާއި މުޖުތައުތަކުގެ ކަންކަން އޭގެ މައްޗަށް ބިނާކުރާނެ ހަރުދަނާ އަހުލާގީ އަސާސްތަކެއް ގުރުއާނުގެ އަލީގައި އެކަށައަޅުއްވާފައެވެ. އަދި ގުރުއާނާމެދު މުސްތަޝްރިގުން އުފައްދާ ޝައްކުތަކަށް އިލްމީ ގޮތެއްގައި ހުޅަނގުގެ އިލްމީ އަސާސްތަކުން ބަލައިގަނެވޭ ގޮތެއްގައި ރައްދު ދެއްވާފއެވެ.
އިސްލާމީ މެދުމިނުގެ ފިކުރުގެ އިމާމުންގެ ތެރޭގައި ޑރ.މުހައްމަދު ގުނޭނެއެވެ. ޑރ.މުޙައްމަދުގެ މަސައްކަތްޕުޅުތަކުގައި އިސްލާމީ ފިކުރުގެ ތެރޭގައި ހިމެނޭ އިދިކޮޅު މަފުހޫމުތަކުގެ މެދުގައި އެއްގޮތްކުރައްވައި މެދުމިން އުސޫލުތަކެއް އަކަށައަަޅުއްވާފައިވެއެވެ. ބުއްދިއާއި ނައްސުގެ މެދުގައެވެ. ސުންނަތާއި ބިދުއައިގެ މެދުގައި އަދި މަޖުބޫރުވުމާއި އިހުތިޔާރުގެ މެދުގައި، އަދި ސުލްހައާއި ހަނގުރާމަ އަދި އަހުލާގާއި ގާނޫނު ފަދަ އެތައް މައުޟޫއެއްގައި މެދުމިން އުސޫލުތަކެއް އެކަށައަޅުއްވާފައިވެއެވެ.
މިސާލަކަށް ބުއްދިއާއި ޝަރުއުގެ މެދުގައި ކުރެވޭ ބަހުސުގައި ޑރ.މުޙައްމަދުގެ ރައުޔައަށް ބަލަމާ ހެއްޔެވެ؟ ހެވާއި ނުބައި ދެނެގަނެވެނީ ޝަރުއުންތޯ ބުއްދިންތޯ ކުރެވޭ ސުވާލުގެ ބަހުސަކީ ޒަމާނުއްސުރެ އިސްލާމީ ފިކުރުގެ ތެރޭގައި ދައުރުވަމުން އައި ސުވާލެކެވެ. އެ ސުވާލާމެދު ޑރ.މުޙައްމަދުގެ ޖަވާބަކީ ޝަރުއީ އަހުލާގަކީ ފިތުރީ އަހުލާގު ފުރިހަމަކޮށްދީ ހިމާޔަތްކޮށްދޭ އަހުލާގެއް ކަމަށެވެ. އޭނާ ދެކަވަޑައިގަންނަވާ ގޮތުގައި އަހުލާގަކީ ކޮންމެ މީހެއްގެ ކިބައިގައި ލައްވާފައިވާ ޣަރީޒާއެކެވެ. ނަމަވެސް އެ ޣަރީޒާ ވަރުގަކޮށް ހިމާޔަތްކޮށްދެނީ ޝަރީއަތެވެ.
ޑރ.މުޙައްމަދު ޢަބްދުﷲ ދައްރާޒުގެ ކުރިން އިސްލާމީ އިލްމުެވެރިން ކީރިތި ޤުރުއާން ދިރާސާކުރައްވަމުން ގެންދެވީ ބަހަވީ މަންޒޫރަކުންނެވެ. ޤުރުއާނުގައި އެކުލެވޭ ބަލާޣީ ފުރިހަމަކަން ބަޔާންކޮށްދެއްވައި، ޤުރުއާނުގެ އިބާރާތްކުރުމުގެ ފުރިހަމަކަން ފަދަ ކަންކަމުގެ ގުރުއާނުގެ އިއުޖާޒު ނުވަތަ މުއުޖިޒާތަކަށްވުމުގެ މައްޗަށް ދަލީލު ދައްކަވަމުން ގެންދެވިއެވެ.
ނަމަވެސް މުޙައްމަދު އަބްދުﷲ ދަރާޒްގެ "ކީރިތި ޤުރުއާނުގައިވާ އަހުލާގީ ދުސްތޫރު" އަދި "މަތިވެރި ހަބަރު" ފަދަ ފޮތްތަކުގައި ގުރުއާން ދިރާސާކުރެއްވުމުގެ އުސޫލު މުޅިން ބަދަލުކުރެއްވިއެވެ. އޭނާ ގުރުއާނަށް ކުރިމަތިލެއްވި ތާރީހީ މަންތިގީ އަސާސެއްގެ މަތީގައެވެ.
އޭގެ އިތުރަށް ގުރުއާނުގައި އެކުލެވޭ އަހުލާގީ އުސޫލުތައް ދިރާސާކުރައްވައި އެ އުސޫލުތަކާއި، ހުޅަނގުގެ ފަލްސަފާވެރިން އަހުލާގުގެ އުސޫލުތަކުގެ ގޮތުގައި އެކަށައެޅުއްވި ކަންކަން އަޅައި ބެއްލެވިއެވެ. އަދި ގުރުއާނިއްޔަ މަބްދައުތަކުގެ ފުރިހަމަކަން ބަޔާންކޮށްދެއްވައި ސާބިތުކޮށްދެއްވީ ހުޅަނގުގެ އިލްމީ މުއައްސަސާތަކުގައި ބޭނުންކުރާ އުސޫލުތަކުގެ އަލީގައެވެ.
ޑރ.ދަރާާޒްގެ މި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ކީރިތި ޤުރުއާން ޢަރަބި ސަގާފީ ސިޔާގުން ބޭރުކުރެވި އާލަމީ ސިޔާގެއްގެ ތެރޭގައި ސާބިތުކުރެވުނެވެ. ގުރުއާނުގެ އަހުލާގީ އުސޫލުތަކުގެ މަތީގައި މިހާރުވެސް މުޖުތަމައުތައް ބައްޓަންކުރެވޭނެކަން ސާބިތުކޮށްދެވުނެވެ.
ކީރިތި ގުރުއާނުގެ ފައިލަސޫފް ޑރ.މުޙައްމަދު ޢަބްދުﷲ ދަރާޒްއަށް ހެޔޮ ރަހުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތުގައި ލައްވާށިއެވެ. އާމީން