ENGLISH
18 ފެބްރުއަރީ 2026
ދިވެހި އުފެއްދުންތަކަށް ޚާއްސަ ދަނޑުވެރިންގެ ވަގުތީ މާރުކޭޓު ހުޅުވައިފި
18 ފެބްރުއަރީ 2026
|
ދަނޑުވެރިންގެ ވަގުތީ ބާޒާރު. މިއީ ހަމައެކަނި ދިވެހި އުފެއްދުންތަކަށް ޚާއްޞަ ބާޒާރެއް. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
މާލޭގައި ރަމަޟާން މަހަށް ހާއްސަކޮށްގެން ވަގުތީ މާރުކޭޓް "ދަނޑުވެރިންގެ ބާޒާރު" މިއަދު ހުޅުވައިފިއެވެ.
ރަށްރަށުގެ ދަނޑުވެރިންގެ ތަކެތި މާލޭގައި ވިއްކުމަށް ހުޅުވި މި މާރުކޭޓުގައި 7 ރަށަކުން ބައިވެރިވެފައިވެއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި މީގެ ތެރޭގައި ށ.ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ފަދަ ދަނޑުވެރިކަމުގައި ފާހަކޮށްލެވޭ ރަށްތައް ހިމެނެއެވެ.
މި މާރުކޭޓުގައި ބައިވެރިވި ރަށްތަކަށް ތަކެތި ވިއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ވަކިވަކި ގޮޅިތަކެއްގައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރައިން ފާހަގަކުރި ގޮތުގައި މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް މިނގަނޑަށް ފެތޭ 10 ދަނޑެއްގެ އުފެންދުންތައް މި މާރުކޭޓުން ލިބެން ހުންނާނެއެވެ.
މި މާރުކޭޓާކީ ހަމައެކަނި ރާއްޖޭގެ ދަނޑުވެރި އުފެއްދުންތަކަށް ހާއްސަ ތަނެކެވެ. ރާއްޖޭގެ ރަށްރަށުގައި ހައްދާ ތަރުކާރި އާއި މޭވާ ނޫން އެހެން އެއްވެސް އެއްޗެއް މި މާރުކޭޓުގައި ވިއްކުމަކީ މަނާކަމަކެވެ.
މި މާރުކޭޓު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަ ހެނދުނު 8:00 އިން ހަވީރު 5:00 އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ރޯދަމަސް ނިމުމުން މާރިޗު 26 ގައި މި މާރުކޭޓު ބަންދުކުރާނެއެވެ.
މި މާރުކޭޓުގެ މައިގަނޑު މަޤްސަދަކީ ރޯދަމަހަށް ހާއްސަކޮށްގެން އަތޮޅުތަކުން މާލެއަށް އުފެއްދުންތައް ގެންނަ ދަތުރުވެރިންނަށް ވިޔަފާރިކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ވަގުތީ މާރުކޭޓެއް އެ ސަރަޙައްދުގައި ހުޅުވިއިރު، ބޮޑުތަކުރުފާނު މަގުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި އާއްމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެ ސަރަޙައްދު ޖާގަ ބޮޑުކުރުމަށް ފަހު ޒަމާނީ ފެންވަރުގައި ތަރައްޤީކޮށް ހުޅުވުމުން ވިޔަފާރިތަކާއި، އާއްމު ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފައެވެ.