ENGLISH
18 ފެބްރުއަރީ 2026
ކެނޑިޑެސީއާ ގުޅޭ މައްސަލާގައި ކޯޓުގެ ނިންމުން؛ ތުލުސްދޫ އަންހެން ކެނޑިޑޭޓުގެ ކެނޑިޑެސީ ބަލައިގަންނަން އަަންގައިފި
18 ފެބްރުއަރީ 2026
|
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
އެންމެ މަޤްބޫލު
ތުލުސްދޫ ކައުންސިލުގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓުގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކެންޑިޑެސީއާ ގުޅިގެން ދެ މައްސަލައަށް ސުޕްރީމް ކޯޓަށް ހުށަހެޅުނެވެ. އެއީ ކ.ގުރައިދޫ ަކއުންސިލުގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރުމަށް ހުށަހެޅި އަބްދުލްމަޖީދުގެ ކެންޑިޑެސީ ބަލައިނުގަތުމުން ހުށަހެޅި މައްސަލައަކާއި ކ.ތުލުސްދޫ ކައުންސިލުގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވާދަކުރުމަށް ނަން ހުށަހެޅި ފާތިމަތު ސޫޒަންގެ ކެނޑިޑެސީ ބަލައިނުގަތުމުން ހުށަހެޅި މައްސަލައެވެ.
މި ދެ މައްސަލާގައި އިއްޔެ ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާފައިވާއިރު، އެ މައްސަލަތަކުގެ ތެރެއިން ސޫޒަންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ދަރަންޏެއް އޮތްކަމަށް ބަލާފައި ކަމަށްވާއިރު، އެގޮތަށް ނިންމީ ގާނޫނީ ގޮތުން ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކޯޓުން ފާހަގަކުރި ގޮތުގައި ސޫޒަންގެ މައްޗަށް ދަރަންޏެއް ދެއްކުމަށް ތުލުސްދޫ ކޯޓުން ހުކުމެއް އިއްވާފައި އޮތް ނަމަވެސް، އެ ދަރަނީގެ ރެކޯޑު ފިނޭންސް މިނިސްޓްރީގައި ނެތެވެ. ދަރަނީގެ ރެކޯޑު ބަލަހައްޓައި، ދަރަނި ތަންފީޒުކުރުމުގެ މައްސަލަތައް ކުރިއަށްގެންދިއުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ އެ މިނިސްޓްރީއަށް ކަމުގައިވާއިރު، ސޫޒަންގެ ދަރަންޏާ ގުޅޭ ރެކޯޑެއް މިނިސްޓްރީގައި ނެތުމަކީ އޭނާ ދަރަނި އަދާނުކުރާ ކަމުގެ ހެއްކެއްގެ ގޮތުގައި ނުބެލެވޭނެ ކަމުގައި ކޯޓުން ނިންމާފައިވެއެވެ.
ދެވަނަ މައްސަލަކަމުގައިވާ އަބްދުލްމަޖީދުގެ ކެންޑިޑެސީގެ މައްސަލާގައި ކޯޓުން ނިންމާފައިވަނީ އެ މައްސަލައަކީ ކޯޓުގެ އިހުތިސާސުގެ ތެރެއަށް ވަންނަ މައްސަލައެއް ނޫން ކަމަށެވެ. އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ލިޔެކިޔުން ހަމަނުވާކަމަށް ބުނެއެވެ. ކޯޓުން ބުނެފައިވަނީ އެ ކޯޓަށް ބެލޭނީ ކެންޑިޑެސީއާ ގުޅޭ ގޮތުން ކެންޑިޑޭޓުންގެ ޝަރުތުތަކާ ގުޅިގެން އިލެކްޝަނުން ނިންމާ ނިންމުންތައް އެކަނި ކަމަށެވެ.
މި މައްސަލަ ނިމެންދެން އެ ދެ ރަށުގެ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުން އޮތީ ފަސްކޮށްފައެވެ. އެހެން ހުރިހާ ރަށެއްގެ އަދި ސިޓީއެއްގެ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކުރުމުގެ ގުރުއަތު ނަގައި، އެއާ އެއްގޮތަށް ނަންބަރުތައްވަނީ ތަރުތީބުކޮށްފައެވެ.