ENGLISH
18 ފެބްރުއަރީ 2026
ރޯދަ މަހު ކާބޯތަކެތި އިމްޕޯޓުކުރުމަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި
18 ފެބްރުއަރީ 2026
|
ރޯދަ މަހު ކާބޯތަކެތި އިމްޕޯޓުކުރުމަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރަން މަރުކަޒީ ބޭންކުން ވަނީ ނިންމާފައި. ފޮޓޯ؛ޕީއެސްއެމް
އެންމެ މަޤްބޫލު
މި ރަމަޟާން މަހު ވިޔަފާރިވެރިންނަށް ބާޒާރުގައި ކާބޯތަކެތި ފަސޭހައިން ލިބޭނެގޮތް ހޯދައިދިނުމަށްޓަކައި، ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރަން ނިންމާފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން ބުނީ އިއްޔެ އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އަމަލުކުރާ މި ޚާއްޞަ އުސޫލުގެ ދަށުން، މަރުކަޒީ ބޭންކުން ބޭންކުތަކަށް އާންމު އުސޫލުގެ ދަށުން ވިއްކާ މިންވަރަށްވުރެ 32 އިންސައްތަ އިތުރުކުރާނެ ކަމަށެވެ. މިއީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަން މަރުކަޒީ ބޭންކުން ހާމަކުރެއެވެ.
ބޭރު ފައިސާ އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކޮށް އެމްއެމްއޭ އިން ބުނީ މިކަމުގެ ސަބަބުން އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބިގެންދާނެ ކަމަށެވެ.
މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިންގ ނިޒާމަށް އެހީތެރިވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.
އެމް.އެމް.އޭއިން ހާމަކުރާގޮތުގައި، މިފަދަ ފިޔަވަޅުތަކަކީ ރަމަޟާން މަހާއި ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖްކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ޚާއްސަ ސިޔާސަތެކެވެ.