ENGLISH
18 ފެބްރުއަރީ 2026
ޑަބްލިއުޑީސީގެ ދައުރަށް އައި ބަދަލާއެކު ގައުމީ ތަރައްގީގައި އެ ކޮމިޓީތަކުގެ ދައުރު ބޮޑުވެއްޖެ: އަލައިކާ
18 ފެބްރުއަރީ 2026
|
މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އަލައިކާ، ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައި ލާމަަރުކަޒީ ގާނޫނަށް ގެންނަަވާފައިވާ އިސްލާހުތަކާއެކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާވެފައިވާކަމަށް މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީގެ ރައީސާކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަަތު އަލައިކާ ޢަދުނާން ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން ރާއްޖޭގެ މީޑިޔާތަކުގެ ޒަރީއާއިން ކުރިއަށްގެންދާ ކެމްޕެއިން ޕްރޮގުރާމު "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން އަލައިކާ ވިދާޅުވީ އޭނާ ކުރިއްސުރެ ކުރައްވަމުން އަންނަ މަސައްކަތްޕުޅަކީ އާއިލީ ހަމަަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ އަދި އާއިލީ ތަރައްގީ ހާސިލުކުރެވޭނެ ސިޔާސަތުތަކެއް ހިންގެވުން ކަމަށެވެ. އެގޮތުން ކުރިން އޭނާ މަސައްކަތްކުރެއްވި ދެ ޕާޓީކަމުގައިވާ އެމްޑީޕީއާއި ދި ޑިމޮކްރެޓްސްގައިވެސް ސިޔާސަތު އެކުލަވައިލެއްވުމުގެ މަރުހަލާގައި މަސައްކަތްކުރެއްވި ކަމުގައި އަލައިކާ ވިދާޅުވިއެވެ.
އާއިލާތައް ބާރުވެރިކުރުވައި، އާއިލީ އުފާވެރިކަން ހަގީގަތަކަށް ހެދުމަށް އެ ޕާޓީތަކުންވެސް ވައުދުވިކަން ފާހަގަކުރައްވަމުން އަލައިކާ ވިދާޅުވީ އެ ވައުދު ފުއްދުމުގެ ފުރުސަތު އެ ޕާޓީތަކަށް ލިބުމުން އެކަމުގައި އެ ޕާޓީތައް ވަރަށް ބޮޑަށް އިހުމާލުވެ ފެއިލުވެފައިވާ ކަމަށެވެ.
އެއާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އާއިލީ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ކުރިއަށްގެންދަވާފައިވާ ކަމށް އަލައިކާ ވިދާޅުވިއެވެ.
އިތުރަށް އަލައިކާ ފާހަގަކުރެއްވީ އާއިލާތަކުގެ ތެރޭގައި ޖެހޭ މައްސަލަތަކާއި ކުރިމަތިވާ ގޮންޖެހުންތައް އެންމެ ކައިރިން ފެންނާނީ އަދި އެކަންކަން އެންމެ ބޮޑަށް އިހުސާސްކުރެވޭނީ އަންހެނުންނަށް ކަމުގައިވާތީ، އެ މައްސަލަތަައް ހައްލުކުރުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމެވެ. އަދި މި ހަގީގަތް ގަބޫލުކުރައްވައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންޑޭޓަށް ބޮޑު ބަދަލެއް ރައީސް ގެންނަަވާފައިވާކަމަށް އަލައިކާ ވިދާޅުވިއެވެ.
އަލައިކާ ވިދާޅުވި ގޮތުގައި ސިޓީތަކުގެ މޭޔަރުންނާއި ރަށު ކައުންސިލުތަކުގެ ރައީސުންނެކޭ އެއްފަދައިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ މުޅި ސިޓީގެ އަދި މުޅި ރަށުގެ ހުރިހާ ރައްޔިތުންގެ ވޯޓުން ހޮވާ މީހެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ އެ ކޮމިޓީތަކުގެ ދައުރު އިތުރަށް ފުޅާކުރައްވައި، ޑަބްލިއުޑީސީތަކަށް އޮންނަ ބާރުވެރިކަން އިތުރުކުރެއްވުމަށް ރައީސް އެޅުއްވި ފިޔަވަޅެކެވެ.
"ކުރިއާ އަޅާބަލާއިރު، އަޅުގަނޑު ކުރިން މިދެންނެވިހެން ކުރީގައި އެކަހެރިވެފައި އޮތް ގޮތަކަށް ނޫނޭ މިއޮތީ، ހުރިހައި އެންމެން ހޮވާ ރައީސަކު ހުރެފައި، ފުލްޓައިމް ޖޮބަކަށް ހައްދަވައި، ދެން ތިއްބެވި މެންބަރުންގެ އިނާޔަތަކީވެސް މުސާރައަކަށް ބަދަލުކޮށްދެއްވައި ވަރަށް ބޮޑަށް ބާރުވެރިކޮށްދެއްވައިފި،" އަލައިކާ ވިދާޅުވިއެވެ.
އަލައިކާ ވިދާޅުވި ގޮތުގައި އޭނާ މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވަނީ އެ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި އޭނާއަކީ އެކަމަށް ކުފޫހަމަވާ އަދި އަލަށް ލިބުނު ބާރުތަކާއެކު އާއިލީ ތަރައްގީގެ ދާއިރާއިން ރަނގަޅު މަސައްކަތްތަކެއް ކުރެއްވިދާނެ ބޭފުޅެއްކަމަށް ދެކެވަޑައިގަންނަވާތީއެވެ.