ENGLISH
18 ފެބްރުއަރީ 2026
ފުރަތަމަ ފަހަރަށް ޖަލު މިސްކިތްތަކުގައި ތަރާވީޙު ނަމާދު ކުރަނީ
18 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީހު ނަމާދުކުރުމަށް ހަމަޖައްސައިފި އެވެ.
އެ ހިދުމަތުން ބުނީ، ޖަލުތަކުގައި ތަރާވީޙު ނަމާދުކުރުމަށް ރަސްމީކޮށް ނިންމައި، ނަމާދު ކުރުމަށް ބޭނުންވާ ހާފިޒުން ހަމަޖައްސާފައިވާކަމަށެވެ. މިއީ ޖަލުތަގައި ތިބޭ ޤައިދީންނަށް މިފަދަ އިންތިޒާމެެއް ހަމަޖެހިގެންދާ ފުރަތަމަ ފަހަރުކަންވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
ތަރާވީޙު ނަމާދު ކުރުމުގެ އިތުރުން، ޤައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ހާއްސަކޮށްގެން ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ. މި ސެޝަންތަކުގައި ދީނީ މައުލޫމާތު ފޯރުކޮށް ދިނުމާއި، ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މައުލޫމާތު ފޯރުކޮށްދޭނެއެވެ.
ކަރެކްޝަނުން ބުނީ މި ސެޝަންތަކުގެ ސަބަބުން ޖަލުތަކުގައި ތިބޭ ގައިދީންނަކީ ދީނީ ކަންކަމަށް ލޯބިކުރާ ބަޔަކަށްވެގެންދާނެ ކަމަށެވެ. އަދި އެހިދުމަތުގެ އަމާޒަކީ އަޅުކަމުގެ ފުރުޞަތުތައް އެންމެ ފުރިހަމަ ގޮތުގައި ފަހިކޮށް ދިނުން ކަމަށެވެ. އެގޮތުން ޖަލުތަކުގެ މިސްކިތްތަކުގައި ރަސްމީ އުސޫލުން މި ފަހަރު ތަރާވީޙު ނަމާދު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ގައިދީންނަކީ ދުޅަހެޔޮ، މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ކަރެކްޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދީނީ ކަންތައްތަކަށް ހޭލުންތެރި ކުރުމުގެ އިތުރުން، ހުނަރުތައް ތަރައްޤީކުރުމުގެ ގިނަ ޕްރޮގްރާމްތަކެއްވެސް އެ ހިދުމަތުން އަންނަނީ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ހިންގަމުންނެވެ.